އެގްރިގޭޓުން ދޫޑިގަންގެ މައްޗަށް ކުރި ހޯދައި، ފޭދޫއިން ޒޯން 8ގެ ޗެމްޕިއަންކަން ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން 8ގެ ޗެމްޕިއަން ފޭދޫ: ފޭދޫ ޓީމުން ވަނީ 6-5 ލަނޑުގެ އެގްރިގޭޓުން ދޫޑިގަންގެ މައްޗަށް ކުރި ހޯދާފައި --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގައި އެގްރިގޭޓުން ފުވައްމުލައް ސިޓީގެ ދޫޑިގަން ޓީމުގެ މައްޗަށް ކުރި ހޯދައި، އައްޑޫ ސިޓީގެ ފޭދޫ ޓީމުގެ ޒޯން 8ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު ފުވައްމުލައް ސިޓީގައި ކުޅުނު މެޗުގައި ފޭދޫ އަތުން 3-1 ލަނޑުގެ ނަތީޖާއަކުން ދޫޑިގަން މޮޅުވި ނަމަވެސް، އައްޑޫ ސިޓީގައި ކުރިން ކުޅުނު މެޗު ފޭދޫއިން ކާމިޔާބުކޮށްފައިވަނީ 5-2 ލަނޑުގެ ނަތީޖާއަކުންނެވެ. ޒޯން 8ގެ ޗެމްޕިއަންކަން ފޭދޫ ހޯދީ 6-5 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ފޭދުއަށް އިސްމާއިލް އޮކަޔެރޭ ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދޫޑިގަން ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ދޫޑިގަން ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެއީޗީ ކަރިޔާއެވެ.

މެޗުގެ ދެވަނަ ހާފުގައި ކައިރި ކައިރީގައި ޖެހި ދެ ލަނޑާއެކު ދޫޑިގަން ޓީމުން ވަނީ ލީޑު ހޯދައިފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ދޫޑިގަން ޓީމަށް މުހައްމަދު ޒަރުވާން ޖޯހަރް ލީޑު ހޯދައިދިންއިރު، އޭގެ ފަސް މިނެޓް ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކެއީޗީ ކަރިޔާއެވެ.

ޒޯން 8ގެ ޗެމްޕިއަންކަން ހޯދި ފޭދޫ ޓީމު ދެން ވާދަކުރަން ޖެހޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައެވެ. އެ ބުރުގައި ވާދަކުރާނީ ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންނެވެ.

comment ކޮމެންޓް