މޯލްޑިވިއަންގެ ފްލައިޓުތައް ދެން ދަތުރުކުރާނީ ބެންގްކޮކްގެ އާ އެއާޕޯޓަށް

މޯލްޑިވިއަންގެ އެއާކްރާފްޓެއް -- ފޮޓޯ/ ރައިހާން އަހްމަދު (އެއާޓީމް އިމޭޖެސް).

ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއިން ތައިލެންޑަށް ކުރާ ދަތުރުތައް، ބެންގްކޮކްގެ ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަނުން ބެންގްކޮކަށް ހަފްތާއަކު ހަ ދަތުރު ކުރާ އިރު، އެ ދަތުރުތައް ކުރަނީ ތައިލެންޑުގެ ބެންގްކޮކްގައި ހުންނަ ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ޑޮން މުއާންގް އެއާޕޯޓަކީ ބެންގްކޮކްގެ ރަސްމީ އެއާޕޯޓުގެ ގޮތުގައި މީގެ ކުރިން ބޭނުންކުރި ތަނެވެ. މި ދެ އެއާޕޯޓަކީވެސް ގްރޭޓަރ ބެންގްކޮކް އޭރިއާއަށް ޚިދުމަތްދޭ ދެ އެއާޕޯޓެވެ.

މޯލްޑިވިއަނުން މިއަދު ހާމަކުރި ގޮތުގައި، ޖޫން އެއްވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން މާލެއިން ބެންގްކޮކަށް ކުރާ ދަތުރުތައް ކުރާނީ ބެންގްކޮކްގެ މިހާރުގެ ރަސްމީ ބައިނަލްއަގުވާމީ އެއާޕޯޓު، ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މޯލްޑިވިއަނުން ބުނީ މި ބަދަލު ގެނައީ، ގިނަ ބަޔަކު ދަންނާނީ ސުވަނަބޫމީ އެއާޕޯޓު ކަމަށް ވާތީއާއި، ޑޮން މުއަންގް އެއަޕޯޓަށް ވުރެ ސުވަނަބޫމީ އެއާޕޯޓަށް ދަތުރުކުރުމަށް ޑިމާންޑު ބޮޑުކަމުން ކަމަށެވެ.

ގައުމީ އެއާލައިނުން ބުނީ ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގަކީ 411 ޑޮލަރު ކަމަށެވެ. ކުރިން ބެންގްކޮކް ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރެވެ. ޓިކެޓުގެ އަގަށް އިތުރުވާ އަގަކީ، ސުވަނަބޫމީ އެއަޕޯޓަށް ދައްކަންޖެހޭ ޓެކުހެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓު

ބެންގްކޮކް ސިޓީގެ އިރުމަތިން، 25 ކިލޯމީޓަރު ބޭރުގައި، ސަމުޓް ޕްރާކާން ޕްރޮވިންސްގައި އޮންނަ ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓު 2006 ވަނަ އަހަރު ހުޅުވުމާ އެކު، ޑޮން މުއާންގް އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އާ އެއާޕޯޓުގައި ދަތިތައް ދިމާވާ ފަހަރުތަކުގައި ޑޮން މުއާންގް އެއާޕޯޓު ހުޅުވައެވެ.

ބޮޑުވަޒީރު ޔިންގްލަކް ޝިނަވަތުރާގެ ސަރުކާރުގައި، ބެންގްކޮކަށް ދަތުރުކުރާ ބަޖެޓު އެއާލައިންތަކާއި ޗާޓަރު ފްލައިޓުތައް ޑޮން މުއާންގް އެއާޕޯޓަށް ދަތުރުކުރުމަށް އެންގުމާ އެކު، ބެންގްކޮކަށް ދެ އެއާޕޯޓުގެ ޚިދުމަތް ރަސްމީކޮށް ލިބެން ފެށިއެވެ. އޭރުގެ ސަރުކާރުގެ މި ސިޔާސަތާ ގުޅިގެން ސުވަނަބޫމީ އެއާޕޯޓަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުވިއެވެ.

ތައިލެންޑުގެ ސަރުކާރުން މިހާރު ދަނީ ޑޮން މުއަންގް އެއާޕޯޓު މަރާމާތުކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޑޮން މުއަންގް އިންޓަނޭޝަނަލް އެއާޕޯޓު

މިވަގުތު ޑޮން މުއަންގް އެއަޕޯޓާ ގުޅިފައިވާ ބައިނަލްއަގުވާމީ މަންޒިލުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ޗައިނާ، އިންޑޮނޭޝިއާ، ކެމްބޯޑިއާ، ވިއެޓްނާމް، މިޔަމްމާ އަދި ޖަޕާނާއި ކޮރެއާ ފަދަ އިރުމަތީ އޭޝިއާގެ ގައުމުތަކެވެ. ދުނިޔޭގެ އެހެން ސަރަހައްދަކުން ޑޮން މުއަންގް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ ގައުމަކީ، ދެކުނު އޭޝިއާއިން ދިވެހިރާއްޖެ އެކަންޏެވެ.

ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގައި 20 ވަނައަށް އެންމެ ބިޒީ އެއާޕޯޓެވެ. އެ އެއާޕޯޓުގައި ހުންނަ 434 ފޫޓުގެ ކޮންޓްރޯލް ޓަވަރަކީ ދުނިޔޭގެ އެންމެ އުސް ކޮންޓްރޯލް ޓަވަރެވެ.

comment ކޮމެންޓް