ކޮޅުވެއްޓީގައި ތިބި ހަ މީހުން މާލެއަށް ގެނެސްފި

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު، ސްރީލަންކާގެ ކުންފުންޏަކަށް ނިސްބަތްވާ "މާރިއާ-3" ކޮޅުވެއްޓީގައި ތިބި މީހުން މާލެއަށް ގެނެސްފި އެވެ.

އެމީހުން މާލެއަށް ގެނެސްފައި ވަނީ އިންޑިއާ ސިފައިންގެ "އައިއެންއެސް ކްރިޗް" ނަމަކަށް ކިޔާ މަނަވަރުގަ އެވެ. އެ މަނަވަރަކީ ދިވެހި ސިފައިންނާ އެކު ކޮޅުވެއްޓި ހޯދުމުގައި ހަރަކާތްތެރިވި މަނަވަރެކެވެ.

އެމީހުން ގޮވައިގެން މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އިންޑިއާގެ މަނަވަރު މާލެ ބަނދަރަށް އައި އިރު އޭގައި ތިބި ހަ މީހުންގެ ވެސް ހާލު ރަނގަޅެވެ. ކޮޅުވެއްޓި ގެއްލުނު އިރު އޭގައި ދިވެހި ދެމަފިރިއަކާއި ބަންގްލަދޭޝް ތިން މީހުންނާއި ސްރީލަންކާގެ އެކަކު ހުއްޓެވެ.

މިދިޔަ އަންގާރު ދުވަހުގެރޭ ގެއްލުނު އެ މަނަވަރު ހޯދަން ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ވަނީ 10900 ނޮޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ.

ކޮޅުވެއްޓި މިސްރާބުން ކައްސާލައިގެން ދާން މެދުވެރިވީ މުސުން ގޯސްގެ، ރާޅެއް އެރުމުގެ ސަބަބުން އޭގެ ކޮޅުގައި ހުންނަ ދަގަނޑު ރޭމްޕް ކެނޑިގެން ކަނޑަށް އެލުމުން، ބޭނުންވާ މިސްރާބަށް ދިއުމުގައި ހުރަސްތަކެއް މެދުވެރިވެގެންނެވެ.

comment ކޮމެންޓް