އޭލެވެލްގައި ދުނިޔޭގެ ގަދަ 10ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ

22 މެއި 2017: 2016 ވަނަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުން ރާއްޖޭގެ އަށް ދަރިވަރަކު ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނިއްޖެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ދުނިޔޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށާއި، މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްފައެވެ.

ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން:

  • 8 ވަނަ އިކޮނޮމިކްސް: އައިމިނަތު ރުހާއު، އަހްމަދިއްޔާ އިންޓަނޭޝަނަލް
  • 5 ވަނަ އިކޮނޮމިކްސް: މުހައްމަދު ޝަފީގު، (ސީއެޗްއެސްއީ)
  • ވޯލްޑްސް ހަޔަސްޓް ރިޒަލްޓް އިން ޕްރިންސިޕަލްސް އޮފް އެކައުންޓިން: ޝައިފާ އަބްދުލް ޝަކޫރު (ސީއެޗްއެސްއީ)
  • ވޯލްޑްސް ހަޔަސްޓް ރިޒަލްޓް އިން ޕްރިންސިޕަލްސް އޮފް އެކައުންޓިން: ހަލީމަތު ލަޔާން އަބްދުﷲ، (މަދަރުސަތުލް އިފްތިތާހް، ޅ. ނައިފަރު)
  • ވޯލްޑްސް ހަޔަސްޓް ރިޒަލްޓް އިން ޕްރިންސިޕަލްސް އޮފް އެކައުންޓިން: ފާތިމަތު ސުމާ އަޝްރަފް (އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް)
  • ވޯލްޑްސް ހަޔަސްޓް ރިޒަލްޓް އިން ޕްރިންސިޕަލްސް އޮފް އެކައުންޓިން: އަހްމަދު މިސްބާހް (ސީއެޗްއެސްއީ)
  • ވޯލްޑްސް ހަޔަސްޓް ރިޒަލްޓް އިން ބިޒްނަސް ސްޓަޑީޒް: އައިޝަތު ޝަހުދާ (ބ އަތޮޅު ތައުލީމީ މަރުކަޒު)
  • ވޯލްޑްސް ހަޔަސްޓް ރިޒަލްޓް އިން ބިޒްނަސް ސްޓަޑީޒް: ޒައިފް ހަސަން ފަޒާލް، (ސީއެޗްއެސްއީ)

މިދިޔަ އަހަރު ގަދަ 10ގައި ވަނީ 21 ސްކޫލަކުން 189 ދަރިވަރަކު ހިމެނިފައެވެ. އޭގެ ތެރެއިން 38 ދަރިވަރަކުވަނީ ފަސް މާއްދާއިން "އޭ" ހޯދައިގެން އެއްވަނަ ހޯދައިފައެވެ.

ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ ތެރެއިން 146 ދަރިވަރުންނަކީ މާލޭގެ ސްކޫލްތަކުން ތައުލީމު ހާސިލް ކުރި ދަރިވަރުންނެވެ. އަދި 43 ދަރިވަރުންނަކީ އަތޮޅުތެރޭގެ ސްކޫލްތަކުން ތައުލީމް ހާސިލް ކުރި ދަރިވަރުންނެވެ.

2016 ވަނަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް އަބްދުﷲ ޖިހާދާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަފުޅު ދެއްކެވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ދުނިޔޭގެ ގަދަ ދިހައެއްގައި ދަރިވަރުންތަކެއް ހިމެނުމަކީ ރާއްޖޭގެ ދަރިވަރުން ތައުލީމީ ގޮތުން ކުރިއަރާފައިވާ މިންވަރު ހާމަވާ ކަމެއްކަމުގައި ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގައުމުގައި ތައުލީމު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާއި، ކޮންމެ ދިމާލަކަށް ބެލިކަމުގައިވިޔަސް ފެންނަނީ، ދަރިވަރުންގެ ކުރިމަގު ބިނާ ކުރުމަށް ކުރެވިފައިވާ ތަފާތު އިންވެސްޓްމެންޓުތައް ކަމަށެވެ.

2016 ވަނަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިސްޓަރު ވިދާޅުވީ، ސާނަވީ އިމްތިހާނު ނިންމައި އަމަލީ މައިދާނަށް ނުކުންނަ އިރު އެ ދަރިވަރުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން ކުއްޖާގެ ވިސްނުން ތަރައްގީ ކުރާނެ ގޮތުގެ ހުނަރާއި، އުފެއްދުންތެރިކަމާއި ޒިންމާދާރުވުން ފަދަ ހުނަރުތައް ދަސްކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ތައުލީމު ހާސިލް ކުރަމުންދާއިރު މުޖުތަމައަށް ބޭނުންވާ ކަންކަމުގައި ބައިވެރި ވުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވި އެވެ.

"ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާއިރު ކޮންމެ ކުއްޖަކުވެސް. ސްކޫލް ތެރެއިން ނުވަތަ މަތީ ތައުލީމަށް ކިޔަވަމުންދާ މުއައްސަސާ ތަކުގެ ތެރެއިންވެސް ލިބެން އޮންނަ އިޖުތިމާއީ ފުރުސަތުތަކުގެ ބޭނުން ހިފުމަށާއި، މުޖުތަމައުގައި ޒުވާނުންނަށް މިއަދު ބޭނުންވެފައި ހުރި ކަންތައްތަކުގައި ތިޔަ ކުދިންގެވެސް ބައިވެރިވުން ދީގެން ފުރިހަމަ ގޮތުގައި ކަންތައްތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ތިޔަ ކުދިންނަށް މިއަދު އިލްތިމާސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭ އެވޯޑު ހާސިލްކުރި ދަރިވަރުންނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ގައުމުގެ ކުރިމަގު ވަނީ އެ ދަރިވަރުންގެ އަތް މަތީގައި ކަމަށެވެ. އެހެން ކަމުން މަތީ ތައުލީމު އުނގެނުމަށް ހިޔާރު ކުރާ ދާއިރާއަކީ ގައުމަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ ދާއިރާއެއްތޯ ބަލައި އެ ދާއިރާއިން ތައުލީމު ހާސިލްކޮށް ހިދުމަތް ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް