މާރިޔާ އަށް ހަމަލާދިން މީހަކު 200 ރުފިޔާ އިން ޖޫރިމަނާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އަށް ހަމަލާ ދިން މީހަކު 200 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ އއ. ރަސްދޫ ނަންރީތިގޭ ހަސަން ރާޝިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޖުމްހޫރީ މައިދާނުގައި ހުންނަވަނިކޮށް ރާޝިދު، މާރިޔާއާ މެދު މާރާމާރީ ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ލިބިފައިވާ ގަރީނާ އިން ދައުވާ ސާބިތުވާ ކަމަށެވެ.

އެހެންކަމުން ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ރާޝިދު 200 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ ދިހަ ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް