ދެ ވަނަ ވެކޭޝަންސް އެކްސްޕޯ އަންނަ ޖުލައި މަހު

މިދިޔަ އަހަރު ބޭއްވި ވެކޭޝަން އެކްސްޕޯގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިދިޔަ އަހަރުން ފެށިގެން މަޝްހޫރު އިވެންޓް އޯގަނައިޒިން ކުންފުނި ކަމުގައިވާ ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ ވެކޭޝަންސް އެކްސްޕޯ އަންނަ ޖުލައި މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްރެވަލް އިންޑަސްޓްރީ ތަމްސީލު ކުރާ ފެއާ އެވެ. އެ ފެއާގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެ އާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ހޮލިޑޭ އޮޕްޝަންސްތައް ތަމްސީލު ކުރުމެވެ.

ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތައް އަދި ރިސޯޓުތަކުގެ ޕްރޮޑަކްޓުތައް ދައްކާލުމުގެ ގޮތުން ހައިރައިޒުން ބާއްވާ މައުރަޒެކެވެ.

މި އިވެންޓުގައި ރާއްޖޭގެ ގެސްޓު ހައުސްތަކުގައި ހުރިި ޗުއްޓީގެ ފުރުސަތުތަކާއި ރާއްޖޭގައި ފްލައިޓުތައް ތަމްސީލު ކުރާ ފަރާތްތަކާއި ވޯޓާ ސްޕޯޓްސް އަދި އެކްސްކާޝަންސް އިންތިޒާމު ކުރާ ފަރާތްތަކުގެ އިތުރުން ކައިރި ގައުމުތަކުގެ މެޑިކަލް ޓުއަރިޒަމް ވެސް ތަމްސީލު ކުރާނެ އެވެ.

ހައިރައިޒްގެ ޕްރޮޑަކްސްޓް މެނޭޖަރ، މާއިޝާ "ސަން"އަށް ވިދާޅުވި ގޮތުގައި އެ ފެއާ އޮންނާނީ ޖުލައި މަހުގެ ހަޔަކުން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

"ކުރީ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ބޭރުގެ ފަރާތްތަކުން ބައިވެރިވާނެ. މިހާރުވެސް ހޮލިޑޭ ކެރެލާއިން ވަނީ ކޯ ސްޕޮންސާކަން ކަށަވަރުކޮށްފަ،" މާއިޝާ ވިދާޅުވިއެވެ.

މާއިޝާ ވިދާޅުވި ގޮތުގައި މިއަހަރުގެ އެކްސްޕޯގައި ވެސް މިދިޔަ އަހަރެކޭ އެއްފަދައިން އަގުބޮޑެތި އިނާމުތަކެއް، ފެއާއަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ދޭން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން އުމްރާ ދަތުރުތަކާއި ތަފާތު ޓްރެވަލް އިނާމުތަކެއް ހުންނާނެ ކަމަށް މާއިޝާ ވިދާޅުވިއެވެ.

ހޮލިޑޭ ކެރެލާއިން އެ އެކްސްޕޯގައި ބައިވެރިވެފައިވާއިރު، ރާއްޖޭގައި ގިނަ އެއާލައިންތަކެއް ތަމްސީލު ކުރާ ވޮޔޭޖެސް މޯލްޑިވްސް އާއި އެކްސްކާޝަންތައް ތަމްސީލު ކުރާ ކްރެކެން އެޑްވެންޗާސް ފަދަ ތަންތަނުން ވަނީ މިހާރު އެ އެކްސްޕޯގައި ބައިވެރިވާން ނިންމާފައެވެ.

ގެސްޓް ހައުސްތަކުގެ ތެރޭގައި މަޝްހޫރު ރިވެރީސް، ވިނޯވާ، ހައްޖު ކޯޕަރޭޝަން އަދި މުސާފިރީން ހައްޖު އުމްރާ ގްރޫޕާއި އިނާ މޯލްޑިވްސް ފަދަ ތަންތަނުންވެސް މިހާރު ވަނީ އެ ފެއާގައި ބައިވެރިވާން ނިންމާފަ އެވެ.

comment ކޮމެންޓް