ނޭޕާލުން ސްޕެޝަލިސްޓް ތަމްރީނު ހޯދުމަށް ހޮވުނު ކުދިންނަށް ލިޔުން ދީފި

ސްޕެޝަލިސްޓް ތަމްރީނު ހޯދުމުގެ ފުރުސަތު ލިބުނު ފަރާތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޭޕާލްގެ ޓެބަކާން ޔުނިވާސިޓީ އިން ސްޕެޝަލިސްޓް ތަމްރީނު ހޯދުމަށް ލިބުނު ފުރުސަތު އިއުލާނުކޮށް، އެކަމަށް ކުރިމަތިލައިގެން ފުރުސަތު ލިބުނު ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

ސިއްހީ ދާއިރާއަށް ބޭނުންވާ ދިވެހި ސްޕެޝަލިސްޓުންނަށް ތަމްރީނު ދިނުމަށް ނޭޕާލްގެ ޔުނިވާސިޓީއާއި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ކުރި އެ އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހަތް ފަރާތަކަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބް ވިދާޅުވީ، ވޭތުވެ ދިޔަ ތަނުގައި ނޭޕާލުން ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންނަށް ތަމްރީނު ދީފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރު ޖުމްލަ 36 ޑޮކްޓަރުންނަށް ސްޕެޝަލިސްޓް ތަމްރީނު ދީފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ދިވެހި ޑޮކްޓަރުންނަށް އެކަށީގެންވާ ތަމްރީނު ދީގެން ނޫނީ ދިވެހިންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭނެ ކަމަށެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޑރ. ހަބީބު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަބީބު އިތުރަށް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ސްޕެޝަލިސްޓުންގެ އަދަދު މަދުކުރުމަށް، ދިވެހި ޑޮކްޓަރުންނަށް ސްޕެޝަލިސްޓް ދާއިރާއިން ތަމްރީނު ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު ފުރުސަތުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް