ވިކްރަމް ރާއްޖެ ދޫކޮށް ވަޑައިގެންނެވީ އުރީދޫ މިޔަންމާގެ ސީއީއޯގެ މަގާމަށް!

އޭޕްރީލް 18، 2017: އުރީދޫ މޯލްޑިވްސް ޕލކގެ ޕްރޮސްޕެކްޓަސް ރަސްމީކޮށް ލޯންޗުކޮށް، އެކުންފުނީގެ ހިއްސާ ގަތުމަށް އާންމުންނަށް ދައުވަތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ވިކްރަމް ސިންހަ ރާއްޖެ ދޫކޮށް އުރީދޫ މިޔަންމާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފުރައިވަޑައިގެންފިއެވެ.

އުރީދޫ ގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު "ސަން" އަށް ވިދާޅުވީ، ވިކްރަމް މިޔަންމާއަށް ވަޑައިގަތީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އޭނާ ވަޑައިގަތީ އުރީދޫ މިޔަންމާ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ކަމަށާއި އެމަގާމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް ވިކްރަމް ހުންނަވާނީ އުރީދޫ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި ކަމަށް ނޫރާ ވިދާޅުވިއެވެ.

"ވިކްރަމް ހުންނެވީ އަދިވެސް އުރީދޫ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި. އެމަގާމުގައި ހުންނަވައިގެން ބޭނުންވާ ހުރިހާ އެހީއެއް ފޯރުކޮށްދޭނެ. އެ މަގާމުގެ ގޮތުން ކޮންމެހެން ރާއްޖޭގައި ހުރުމަކީ މަޖުބޫރު ކަމެއް ނޫން. ވިކްރަމް މިހާރު މަސައްކަތް ކުރައްވަނީ އުރީދޫ މިޔަންމާގެ ސީއީއޯގެ މަގާމުގައި،" ނޫރާ ވިދާޅުވިއެވެ.

ވިކްރަމް ރާއްޖެ ދޫކޮށް ވަޑައިގެންނެވިއިރު ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އޭނާ ވަނީ ގެނެސްދީފައެވެ. އޭނާ އަކީ އެންމެންނާވެސް ގުޅޭ އާ ކަންތައްތަކާއި ޚިޔާލުތަކަށް އަބަދުވެސް ހުޅުވިފައިވާ ބޭފުޅެކެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯގެ މަގާމާ ވިކްރަމް ހަވާލުވީ، 2014 ވަނަ އަހަރު ވަތަނިއްޔާ މޯލްޑިވްސް ރިބްރޭންޑުކޮށް އުރޫދޫ މޯލްޑިވްސްގެ ނަމަށް ބަދަލު ކުރި ރޭ ކުރުނބާ މޯލްޑިވްސްގައެވެ.

އެއަށްފަހު މިދިޔަ މަހުގެ ނިޔަލަށް އޭނާ ހުންނެވީ ސީއީއޯގެ މަގާމުގައެވެ. ފަހުން އެކުންފުނީގެ ސީއީއޯގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރުމަށްފަހު ވިކްރަމް ވަނީ ކުންފުނީގެ ބޯޑުގެ އެންމެ އިސްފަރާތުގެ މަގާމަށް އައްޔަންކޮށްފައެވެ.

comment ކޮމެންޓް