ލަންކާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް

ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ (މ) އަދި ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނާޔަކަ (ވ)، ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޔާމީނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސްރީލަންކާގެ ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެނެސްފިއެވެ.

ސްރީލަންކާގެ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި، ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ ކެބިނެޓަށް ގެންނެވި ބަދަލުތަކާ ބެހޭ މައުލޫމާތު ވަޒީރުންނާ ހިއްސާ ކުރައްވައިފައެވެ. އަދި އެއަށްފަހު، ބަދަލުތަކާ އެއްގޮތަށް ވަޒީރުން ވަނީ މަގާމުތަކާ އަލުން ހަވާލުވެފައެވެ.

ކެބިނެޓަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ސްރީލަންކާގެ ފޮރިން މިނިސްޓްރީގެ ޒިންމާތަކަށް މީޑިއާ އިތުރުކޮށް، އުފެއްދެވި "ފޮރިން އެފެއާޒް އެންޑް މާސް މީޑިއާ" ވުޒާރާގެ ވަޒީރުކަމަށް، އެގައުމުގެ ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ރަވީ ކަރުނާނާޔަކަ ބަދަލުކުރުމާއި، ފޮރިން މިނިސްޓަރުކަމުގައި ހުންނެވި މަންގަލަ ސަމަރަވީރަ ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކުރެއްވުމެވެ.

އިތުރު ބަދަލުތަކަށް ބަލާއިރު އިޖްތިމާއީ ރައްކާތެރިކަމާ ބެހޭ ވުޒާރާގެ ޒިންމާތަކުގެ ތެރެއަށް ކެންޑީގެ ތަރިކަ ދިރުވައި އާލާކުރުން އިތުރުކުރުން ހިމެނެއެވެ. ސޯޝަލް އެމްޕަވަމެންޓް، ވެލްފެއާ އެންޑް ކެންޑިޔަން ހެރިޓޭޖްގެ މިނިސްޓަރުކަމަށް އައްޔަނުކުރީ، ސޯޝަލް އެމްޕަވަމެންޓް މިނިސްޓަރުކަމުގައި ކުރިންވެސް ހުންނެވި އެސްބީ ޑިސާނާޔަކައެވެ. އަދި މިނިސްޓަރު ޖޯން ސޭނާވިރަތުނަގެ ލޭބަރ އެންޑް ޓްރޭޑް ޔޫނިއަން ރިލޭޝަންސް މިނިސްޓްރީގެ ޒިންމާތަކުގެ ތެރެއަށް ލަންކާގެ ސަބަރަގަމުވަ ޕްރޮވިންސްގެ ތަރައްގީގެ މަސައްކަތްތައްވެސް ވަނީ އިތުރުކޮށްފައެވެ.

ސްރީލަންކާގެ ސްކިލްސް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް މިނިސްޓަރުކަމުގައި ހުންނެވި މިނިސްޓަރު މަހިންދަ އަމަރަވީރަ ވަނީ، ޕޯޓްސް އެންޑް ޝިޕިންގް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ. އަދި ސްކިލްސް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް މިނިސްޓްރީގެ މިނިސްޓަރުކަމަށް ކުރީގެ ޕެޓްރޯލިއަމް ރިސޯސެސް ޑިވެލޮޕްމެންޓް މިނިސްޓަރު ޗަންދިމަ ވީރައްކޮޑި އައްޔަނުކުރި އިރު، ޕެޓްރޯލިއަމް ރިސޯސެސް މިނިސްޓަރުކަމަށް އައްޔަނުކުރީ ޕޯޓްސް އެންޑް ޝިޕިންގް މިނިސްޓަރުކަމުގައި ހުންނެވި އަރުޖުނަ ރަނަތުންގައެވެ.

ލަންކާގެ ޕާލަމެންޓް ރިފޯމްސް އެންޑް މާސް މީޑިއާ މިނިސްޓްރީގެ ޒިންމާތަކުގެ ތެރެއިން މާސް މީޑިއާ އުނިކޮށްފައިވާ އިރު، ބިންތަކާ ބެހޭ ކަންކަން ވަނީ އެ މިނިސްޓްރީގެ ޒިންމާތަކަށް އިތުރުކޮށްފައެވެ. އެ ވުޒާރާގެ ވަޒީރުކަމުގައި އަދިވެސް ހުންނެވީ ކުރިންވެސް ހުންނެވި މިނިސްޓަރު ގާޔަންތަ ކަރުނަތިލަކައެވެ.

ލަންކާގެ ފިޝަރީޒް މިނިސްޓަރު މަހިންދަ އަމަރަވީރައަށް ވަނީ ލަންކާގެ އެންމެ ބޮޑު ގައުމީ މަލްޓިޕާޕަސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ހިންގާ މަހަވެލި ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަންވެސް އިތުރަށް ދެއްވާފައެވެ.

މީގެ އިތުރުން، ލަންކާގެ ލޯ އެންޑް އޯޑަރ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ތިލަކް މަރަޕާނައަށް، ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ ސަރުކާރުން އަލުން ފުރުސަތު ދެއްވާފައެވެ. އެގޮތުން، އޭނާއަށް ވަނީ މިނިސްޓަރ އޮފް ޑިވެލޮޕްމެންޓް އެސައިންމެންޓްސްގެ މަގާމު ދީފައެވެ.

comment ކޮމެންޓް