ރެއާލް ދޫކޮށް ނުދާނޭކަމަށް އިސްކޯ ބުނެފި

ކުރިއަށް އޮތް ސީޒަންގައި ރެއާލް މެޑްރިޑްގައި މަޑުކުރާނޭ ކަމުގެ ޔަގީންކަން، އިސްކޯ ވަނީ ކްލަބުގެ ފޭނުންނަށް ދީފައި -- ފޮޓޯ: އޭޕީ

ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންފަރގައި، ރެއާލް މެޑްރިޑް ދޫކޮށް އެހެން ކްލަބަކަށް ނުދާނޭކަމުގެ ޔަގީންކަން ދޭކަމަށް އެ ކްލަބުގެ ސްޕެއިން މިޑްފީލްޑަރު ފްރަންސިސްކޯ ރޯމަން އަލަކޮން ސުއަރޭޒް (އިސްކޯ) ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ، މަލާގާ އަތުން 2-0 ލަނޑުން މޮޅުވެ، ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ކަށަވަރު ކުރި މެޗަށް ފަހު، އިސްކޯ ބުނީ، ކުރިއަށް އޮތް ސީޒަންގައި އޭނާ އެހެން ކްލަބަކަށް ބަދަލު ނުވާނޭކަމުގެ ފުރިހަމަ ޔަގީންކަށް ރެއާލްގެ ސަޕޯޓަރުންނަށް ދޭ ކަމަށެވެ.

ޒިދާންގެ ކޯޗުކަމުގެ ދަށުން، މިސީޒަންގައި ރެއާލް ކުޅުނު ގިނަ މެޗުތަކުގައި ކުޅުމުގެ ފުރުސަތު އިސްކޯއަށް ލިބިފައި ނުވާއިރު، އަންނަ ސީޒަނުގައި ރެއާލް ދޫކޮށް އެހެން ކްލަބަކާ އޭނާ ގުޅޭނޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އުމުރުން 25 އަހަރުގެ މިޑްފީލްޑަރަަށް ވަނީ، އޭނާގެ ކުރީގެ ކްލަބު، މަލާގާއަށް ދެކޮޅަށް ޒިދާން ނެރުނު ރެއާލް ޓީމުގެ ފުރަތަމަ 11އިން ޖާގަ ދީފައެވެ.

"ރެއާލް މެޑްރިޑްގެ ފޭނުން ހާސްނުވޭ. އަހަރެން މަޑުކުރާނަން،" އޭނާ ބުންޏެވެ.

"ސީޒަންގެ ކުރީކޮޅުގައި މިކަންކަން ވިސްނައިގަތުމަށް އަހަންނަށްވީ ވަރަށް އުނދަގޫ ކަމަކަށް. އެހެން ނަމަވެސް އަހަރެން މިހިރީ ނަފްސާނީ ގޮތުން ވަރަށް ހަމަޖެހިފައި، އަދި އަހަންނަށް އެންމެންގެ ފުރިހަމަ ސަޕޯޓު ލިބޭ."

comment ކޮމެންޓް