ކާނާ ކަމަށް ހީކޮށް ކުޑަ ކުއްޖަކަށް ސީ ލަޔަންއެއް ދިން ހަމަލާއިން އެންމެންނަށް ސިހުން

ކުޑަ އަންހެން ކުއްޖެއްގެ ހެދުމުގައި ސީ ލައަންއެއް ދަތް އަޅައި އެކުއްޖާ ކަނޑަށް ދަމައިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދާދި ފަހުން އާއްމުވެފަ އެވެ.

ކެނެޑާގެ ރިޗްމަންޑުގައި އޮންނަ ސްޓީވްސްޓަން ހާބަރުގައި އެ ހާދިސާ ހިނގީ ސީ ލައަން އަށް ބަޔަކު ކާން ދޭން ތިއްބާ ކަމަށް އޭޕީގައިވެ އެވެ.

ޔޫޓިއުބުގައި ޕޯސްޓުކޮށްފައިވާ އެހާދިސާގެ ވީޑިއޯ އިން ފެނިގެންދަނީ ކުޑަ އަންހެން ކުއްޖާ އެންމެ ފުރަަތަމަ ސީ ލައަންއާ ކައިރިވުމުން އޭތި ވެސް ހާބަރު ކައިރިއަށް ޖެހިލާ މަންޒަރެވެ. ނަމަވެސް އޭގެ ފަހުން އެކުއްޖާ ހާބަރު ކައިރީއިގައި އިށީނުމުން އެ ސީ ލަޔަން ކުއްޖާގެ ހެދުމުގައި ހިފައި ފެންގަނޑު ތެރެއަށް ދަމައިގަންނަ މަންޒަރެވެ.

އަދި ހަމަ އެވަގުތު ފިރިހެނަކު މޫދަށް ފުއްމާލައި ކުޑަކުއްޖާ ސަލާމަތް ކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނިގެންދެ އެވެ.

ވީޑިއޯ ނެގި ފަރާތް ކަމަށްވާ މައިކެލް ފުޖިވާރާ ބުނި ގޮތުގައި އެކުއްޖާ ސަލާމަތްކުރީ ކުއްޖާގެ ގާތްތިމާގެ މީހެއް ކަމަށް ލަފާ ކުރެވެ އެވެ. އަދި އެހާދިސާގައި އަންހެން ކުއްޖާ އަށް ވެސް، ކުއްޖާ ސަލާމަތް ކުރި މީހާއަށް ވެސް އަނިޔާވި ކަމަށް ލަފާ ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

މެރިން މެމަލް އެކްސްޕާޓް އެންޑްރޫ ޓްރައިޓްސް ވިދާޅުވި ގޮތުގައި ސީ ލަޔަން ކުއްޖާގެ ހެދުމުގައި ހިފީ އެއީ ކާނާ ކަމަށް ހީކޮށް ކަމަށް ގަބޫލު ކުރެވެ އެވެ. އަދި ސްޓީވްސްޓަން ހާބާ އޮތޯރިޓީގެ ޖެނެރަލް މެނޭޖަރު ބޮބް ބަޒިއުކް ވިދާޅުވި ގޮތުގައި އެސަރަހައްދުން ފެންނަ ސީ ލައަންތަކަށް ކާން ދިނުން މަނާކޮށްފަ އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

comment ކޮމެންޓް