ގެއްލުނު ކޮޅުވެއްޓީގެ ''ސަލާމަތީ'' ނުހަދާތާ ދެ އަހަރު!

ކޮޅުވެއްޓީގެ ކޮޅު ވެއްޓިފައި: މިހިސާބަށް ދިޔައިރު ކަމާބެހޭ ފަރާތްތަކަށް ނޭންގުނީ ކީއްވެތޯ ސުވާލު އުފެދޭ --- ފޮޓޯ/ އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދަނިކޮށް ތިން ދުވަސްފަހުން ފެނުނު ކޮޅުވެއްޓި، "މާރިޔާ3"ގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކުރާތާ ދެ އަހަރު ވެފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފިއެވެ.

ދިވެހި ދެމަފިރިންނާއި ހަތަރު ބިދޭސީންނާއެކު ލ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ އެކޮޅުވެއްޓި ފެނިފައިވަނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ވައިގެ މަގުންނާއި ކަނޑުގެ މަގުން އެތައް ސަރަހައްދެއް ބެލިފަހުން އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް އޮފިޝަލަކު މިއަދު ސަންއަށް ވިދާޅުވީ، އެ ކޮޅުވެއްޓީގެ ސަލާމަތީ ސެޓްފިކެޓްތައް ނުހައްދާތާ ދެ އަހަރުވެފައިވާ ކަމަށެވެ.

ސަލާމަތާ ބެހޭ ގަވައިދު ބުނާގޮތުން ހާލުގައި ޖެހިއްޖެ ނަމަ ގުޅޭނެ ގޮތްގޮތް ހުންނަންޖެހޭނެއެވެ. އެހެންކަމުން މާރިއާ-3 މާލެ ގެނެވުމުން އެމައްސަލަ ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮޅުވެއްޓިއަކީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޕްރައިވެޓް ލިމިޓެޑްގެ އެއްޗެކެވެ. އެކުންފުނީގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފައެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ ކޮޅުވެއްޓީގައި ސަލާމަތީގޮތުން ބޭނުންވާ ހުރިހާ ތަކެއްޗެއް ހުރި ހަމަށެވެ.

"އަޅުގަނޑުމެން ސަލާމަތީއޭ ބުނެފައި އެވަނީ ބޯޓުގައި ހުންނަން ޖެހޭ ތަކެއްޗަށް. ދަތުރުކުރަން ފަށާއިރު ސަލާމަތީގޮތުން ހުންނާން ޖެހޭ ތަކެއްޗަށް،" އާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަކޮށްފައި ވަނީ، އެ މުއައްސަސާއިން ދޫކުރާ ސަލާމަތީ ސެޓްފިކެޓްގެ ވާހަކަ ކަމަށާއި، އެކަން ހިނގާފައިވާ ގޮތް ފުލުހުން މެދުވެރިކޮށް އެމްއެންޑީއެފުން ތަހުގީގު ކުރާނޭ ކަމަށެވެ.

comment ކޮމެންޓް