36 ޖީބީގެ ހިލޭ ޑާޓާއާ އެކު، އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް8 ވިއްކަން ފަށައިފި

އުރީދޫއިން ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ސީރީޒް، ގެލެކްސީ އެސް8 މިއަދު ވިއްކަން ފަށައިފިއެވެ.

އުރީދޫއިން ބުނި ގޮތުގައި، ސެމްސަންގް ގެލެކްސީ އެސް8 އަދި އެސް8 ޕްލަސް ވިއްކަން މިއަދު ފަށާފައިވަނީ، އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު ތިން ޖީބީގެ ޑޭޓާވެސް ލިބޭ ގޮތަށެވެ.

އުރީދޫއިން ބުނީ އެއްފަހަރާ ފައިސާ ދައްކާ ނަމަ ސެމްސަންގް ގެލެކްސީ އެސް8 ފޯނުގެ އަގަކީ 12،499 ރުފިޔާ ކަމަށާއި، ގެލެކްސީ އެސް8 ޕްލަސްގެ އަގަކީ 13،499 ރުފިޔާ ކަމަށެވެ.

އުރީދޫއިން ވަނީ މި ފޯނުތައް ބާރަ މަސް ދުވަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުންވެސް ލިބޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިފަދައިން އިންސްޓޯލްމެންޓްގެ ދަށުން ގެލެކްސީ އެސް8 އަދި އެސް8 ޕްލަސް ފޯނުވެސް ލިބޭނީ ޑައުންޕޭމެންޓުގެ ގޮތުގައި 2،000 ރުފިޔާ ދައްކައިގެންނެވެ. އެއަށްފަހު، އެސް8 ބައްލަވައިގަތް ފަރާތްތަކުން މަހަކު 900 ރުފިޔާ ދައްކަން ޖެހޭ އިރު، އެސް8 ޕްލަސް ބައްލަވައިގަތް ފަރާތްތަކުން ދައްކަންޖެހޭނީ މަހަކު 1،000 ރުފިޔާއެވެ.

ސެމްސަންގްގެ އެހެން ފޯނުތަކާ އަޅާކިޔާ އިރު މި ފޯނުގެ ސްކްރީން ބޮޑެވެ. އަދި ހޯމް ބަޓަން ވެސް މި ފޯނުގައި ވަނީ "ފޮރުވައިފަ"އެވެ.

ހޯމް ބަޓަން އާންމުކޮށް ހުންނަ ތަނުގައި، ސްކްރީންގެ އަޑިން ވަނީ ޕްރެޝާ ސެންސިޓިވް ޕެނަލެއް ލާފައިވެއެވެ. އަދި ފޯނުގެ ފިންގަޕްރިންޓް ރީޑަރު ހުންނަނީ ފޯނުގެ ފަހަތުގައި، ކެމެރާއާ ޖެހިގެންނެވެ. މި ފިންގަޕްރިންޓް ރީޑަރު އެތަނުގައި ގާއިމުކޮށްފައި ވަނީ، ފޯނު ހިފަހައްޓައިގެން ހުންނަ އިރު އަތުގެ ޝަހާދަތް އިނގިލި ސްކޭން ކުރާ ގޮތަށެވެ. މީގެ އިތުރުން ސެކުއިރިޓީ ފީޗާއެއްގެ ގޮތުގައި ލޮލުގެ ކަޅިވެސް ސްކޭން ކުރެވެއެވެ.

ގެލެކްސީ އެސް8ގައި ހުންނަނީ ލޯ-ލައިޓް އިސްލާހުކޮށްފައިވާ 12 މެގަޕިކްސެލްގެ ޑުއަލް ޕިކްސެލް ކެމެރާއަކާއި، ކުރިމަތީގައި ސްމާޓް އޮޓޯފޯކަސްއަކާ އެކު އަށް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެކެވެ.

އެސް8 ފޯނު "މިޑްނައިޓް ބްލެކް" އަދި "މޭޕަލް ގޯލްޑް" ކުލައިން ލިބޭ އިރު، އެސް8 ޕްލަސް ހުންނާނީ އެ ދެ ކުލައިގެ އިތުރުން "ކޮރަލް ބްލޫ" ކުލައިންނެވެ.

comment ކޮމެންޓް