ރޮނާލްޑޯ ފަހަތަށް ޖައްސާލައި، މިފަހަރުގެ ޕިޗިޗީ އެވޯޑް މެސީއަށް

މިފަހަރުގެ ލަ ލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް މެސީ ހޯދީ 37 ލަނޑު ކާމިޔާބުކޮށްގެން -- ފޮޓޯ: ބީއިން ސްޕޯޓްސް

ސްޕެނިޝް ލަ ލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ އެވޯޑް، ބާސެލޯނާގެ ތަރި ލިއޮނަލް މެސީއަށް ލިބިއްޖެއެވެ.

މީގެ ކުރިން ތިން ފަހަރު ''ޕިޗިޗީ އެވޯޑް'' ހޯދާފައިވާ އާޖެންޓީނާގެ ފޯވާޑް، ލަ ލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހަތަރުވަނަ ފަހަރަށް ހޯދާފައި ވަނީ، 37 ލަނޑު ކާމިޔާބުކޮށްގެންނެވެ. މި އެވޯޑާއެކު މެސީއަށް ވަނީ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ އެއްފަހަރު އިތުރަށް މި އެވޯޑް ލިބިފައެވެ.

މެސީ މިފަހަރުގެ އެވޯޑް ކާމިޔާބުކޮށްފައި ވަނީ، މިދިޔަ ސީޒަންގައި އެ އެވޯޑް ހޯދި ޓީމް-މޭޓް، ލުއިސް ސުއަރޭޒަށް ވުރެ 8 ލަނޑު އިތުރަށް ކާމިޔާބުކޮށްގެންނެވެ.

އަދަދުގެ ގޮތުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް މެސީ ހޯދިއިރު، ވާދަވެރި ރޮނާލްޑޯ އޮތީ، 25 ލަނޑާއެކު މި ލިސްޓުގެ ތިން ވަނައިގައެވެ.

ލަ ލީގާގެ ފަހު މެޗުތައް ރޭ ނިމިފައިވާ އިރު، މި ތިން ކުޅުންތެރީންވެސް ވަނީ އެ ކުޅުންތެރީން ކުޅުނު މެޗު ތަކުގައި ލަނޑުކާމިޔާބުކޮށްފައެވެ. އެގޮތުން ބާސާގެ ދަނޑުގައި އެއިބާއިން 2-0 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނީ ސުއަރޭޒެވެ. އަދި ބާސާ މޮޅުވީ މެސީ ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި ރެއާލުން ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގު ހޯދިއިރު، މަލާގާ އަތުން 2-0 ލަނޑުން ރެއާލް މޮޅުވި މެޗުގެ ދެވަނަ މިނިޓްގައި ރެއާލަށް ލީޑު ހޯދައިދިނީ ރޮނާލްޑޯ އެވެ. އަދި ފަހު ހާފުގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ.

comment ކޮމެންޓް