މޮޅުވުމުގެ ރެކޯޑަކާއެކު ޗެމްޕިއަން ޗެލްސީން ޕްރިމިއަރ ލީގު ނިންމާލައިފި

ޗެލްސީގެ ކުޅުންތެރީން ހަ ވނަ ފަހަރަށް ޕްރިމިއަރ ލީގު ޓްރޮފީ އުފުލައިލަނީ -- ފޮޓޯ: ސްކައިސްޕޯޓްސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީން ކުޅުނު 38 މެޗުގެ ތެރޭން 30 މެޗުން މޮޅުވެ، އިނިގިރޭސި ކްލަބުތަކުގެ ތެރޭން އެއް ސީޒަނެއްގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ތާރީޚީ ރެކޯޑަކާއެކު މިސީޒަންގެ ޗެމްޕިއަން ޗެލްސީ ލީގު ނިންމާލައިފިއެވެ.

ޕްރިމިއަރ ލީގުގައި 30 މޮޅު ހޯދުމުގެ ރެކޯޑެއް ޗެލްސީން ގާއިމުކުރި އިރު، އޭގެ ތެރޭން 15 މޮޅަކީ އަމިއްލަ ދަނޑުގައި ހޯދި ކާމިޔާބީ އެވެ. މުޅި ޖުމުލަ 85 ލަނޑު، އަދި 93 ޕޮއިންޓާއެކު ލީގު ކާމިޔާބުކުރި އިރު، މިއީ ޗެލްސީން ދެވަނައަށް އެންމެ ގިނައިން ލަނޑު ޖެހި ސީޒަންވެސްމެއެވެ. އަދި ޕްރިމިއަރ ލީގުގައި މިހާތަނަށް އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު (95 ޕޮއިންޓް) ހޯދި ޗެލްސީން މިވަނީ، ދެވަނައަށް މީގެ ކުރީން އެންމެ ގިނަ ޕޮއިންޓް (92 ޕޮއިންޓް) ހޯދި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ އެއް ޕޮއިންޓު އިތުރަށް މި ސީޒަންގައި ހޯދައިފައެވެ.

ިއަމިއްލަ ދަނޑުގައި ސަންޑަލޭންޑާ ދެކޮޅަށް ޗެލްސީން މިރޭ ކުޅުނު މެޗު އެޓީމުން ވަނީ، ފަހަތުން އަރައި ފަސޭހަކަމާއެކު 5-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

މެޗު ފަށައިގެން 3 ވަނަ މިނިޓްގައި ހަވިއާ މަންކުއިލޯ ކާމިޔާބުކޮށްދިން ލަނޑާއެކު ސަންޑަލޭންޑުން މެޗުގެ ކުރި ހޯދި ނަމަވެސް، މީގެ ނުވަ ދުވަސްކުރީން، ހަވަނަ ފަހަރަށް ލީގު ކަށަވަރުކުރި ޗެލްސީން ވަނީ މެޗުގެ 8 ވަނަ މިނިޓްގައި ވިލިއަން ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފް 1-1 ލަނޑުން އެއްވަރުވެގެން ނިމުނު ނަމަވެސް ޗެލްސީން ވަނީ، ދެވަނަ ހާފްގައި މޮޅު ކުޅުމަކާއެކު އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 61 ވަނަ މިނިޓްގައި އެޑެން ހަޒާޑް ދެވަނަ ފަހަރަށް ޗެލްސީއަށް ލީޑު ނަގައިދިންއިރު، 77 ވަނަ މިނިޓްގައި ޕެޑްރޯ ވަނީ 3-1އަށް ލީޑު ފުޅާކޮށްފައެވެ. އަދި ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، މިޗީ ބަޓްޝުއައީ ވަނީ، މެޗުގެ އެންމެ ފަހު ދެ މިނިޓްތެރޭގައި ދެ ލަނޑު ކާމިޔާބުކޮށް ސްޓެމްޕޯޑް ބްރިޖްގައި ފޯރި ހިއްޕާލައިފައެވެ.

ޕްރިމިއަރ ލީގުގައި އެންޓޯނިއޯ ކޮންޓޭގެ ފުރަތަމަ ސީޒަންވެސް ކާމިޔާ ކަމާއެކު ނިންމާލިއިރު، ޗެލްސީން ވަނީ 22 އަހަރަށް ފަހު އެޓީމުގެ ކެޕްޓަން އަދި ލެޖެންޑް ޖޯން ޓެރީއަށް އަލްވަދާއުކިޔައިފައެވެ.

ޗެލްސީން 1998 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު ލީގު ކަޕް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ޗެލްސީން ފެނިގެން ދިޔަ ޓެރީ ވަނީ އޭގެ ފަހުން، އެޓީމުގެ ސަޕޯޓަރުންނާއި މެނޭޖް މަންޓާއި އަދި ކޯޗުންނާއި ކުޅުންތެރީންގެ ވެސް ލޯތްބާއި ފުރިހަމަ އިތުބާރު ހޯދައިފައެވެ.

comment ކޮމެންޓް