ވިއްސާރައާ ހެދި މާލޭ ލީގުގެ މިރޭގެ މެޗު މާދަމާއަށް ފަސްކޮށްފި

މާލެ ލީގުގައި ޔުނައިޓެޓް ވިކްޓަރީ އާއި ކުލަބް އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ ލީގުގައި މިރޭ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުމަށް ހަމަޖެހިފައި އޮތް މެޗް ފަސް ކޮށްފި އެވެ.

އެފްއޭއެމް އިން ބުނީ، މިރޭ 9:00 ގައި ކުޅެން ހަމަޖެހިފައިވާ އޮތް އެ މެޗް ވިއްސާރައިގެ ސަބަބުން ފަސް ކުރެވިފައިވާ ކަމަށާއި އެ މެޗް ދެން ކުޅޭނީ މާދަމާ ރޭ ކަމަށެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗް މާދަމާ އަށް ފަސް ކުރުމާ ގުޅިގެން މާދަމާ ދެ މެޗެއް ކުރިޔަށް ދާނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

މާލެ ލީގް ގެ ޕޮއިންޓް ތާވަލަށް ބަލާއިރު އަދިވެސް ލީގް ގެ އެންމެ ކުރީގައި އޮތީ މާޒިޔާއެވެ. މާޒިޔާ އާއި ދެވަނައިގައި އޮތް ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބް އާ ދެމެދު ތިން ޕޮއިންޓްގެ ފަރުގެއް އޮތް ނަމަވެސް ނިއު އިން ވަނީ މާޒިޔާ އަށްވުރެ އިތުރަށް އެއް މެޗް ކުޅެފައެވެ.

comment ކޮމެންޓް