އަވަސް ފަރުވާ ލިބުމަށް އުފާވެރި ހަބަރެއް!

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ރާއްޖެއިން އެންމެ ގިނަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ދިމާވާ އެކިއެކި މައްސަލަތައް ހިމެނެ އެވެ. އޭގެ ތެރޭގައި ހާޓްއެޓޭކް، ސްޓޯކް އަދި އެކްސިޑެންޓްތަކުން ދިމާވާ އެކިއެކި ގެއްލުންތައް ހިމެނެ އެވެ. އެފަދަ އެތައް ހާދިސާއެއްގައި މީހުން މަރުވުން އިތުވާ އިރު ފަރުވާލަސްވުން އެއީ ދިމާވާ އެންމެ ބޮޑު މައްސަލަ އެވެ.

ރާއްޖެ އުފެދިފައިވާ ގޮތުން ވެސް އެކަށޭނަ އަވަސް ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ރަނގަޅު ހިދުމަތް ދެވޭ ހިސާބަކަށް ގެންދިއުމަށް އެތައް ވަގުތެއް ހޭދަވާތީ އެވެ. ރާއްޖޭގައި ނަމަ އަތޮޅުތެރޭ ރަށެއްގައި މީހަކަށް ބޮޑު ސިއްހީ މައްސަލައެއް ދިމާވުމުން އެރަށުގައި ހުންނަ ޑޮކްޓަރު ޖެހެނީ އެބަލިމީހާ ގޮވައިގެން އެހެން ހޮސްޕިޓަލަކާ ހަމައަށް ދާށެވެ. އޭރުން އެ ރަށު ހޮސްޕިޓަލް ޖެހެނީ ބަންދުކުރާންށެވެ.

އެކަމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތަކީ "ޕެރަމެޑިކަލް" ހިދުމަތް ދެނީ އެވެ. އެއީ ފުޅާދާއިރާއެއްގައި ކުއްލި ހާލަތްތަކުގައި ސިއްހީ ހިދުމަތް ދިނުމެވެ.

ޑރ. އުސާމާ އެމަސައްކަތް ފަށައިފި

ރާއްޖޭގައި މަސައްކަތްކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސީނިއާ މެޑިކަލް އޮފިސާ ޑރ. އުސާމާ އަލީ އުމަރު މިހާރު ވަނީ "އިނިސްޓިޓިއުޓް އޮފް ޕެރަމެޑިކަލް ސައިންސެސް އެންޑް އެމްބިއުލާންސް ސާވިސަސް"ގެ ނަމުގައި އިނިސްޓިޓިއުޝަނެއްގާއިމްކޮށް ކުއްލި ހާލަތްތަކުގައި ފަރުވާދޭނެ މީހުން ތަމްރީނު ކުރުމަށް ހާއްސަ ކޯހެއް ފަށަން ނިންމައިފަ އެވެ.

ޑރ. އުސާމާ ވިދާޅުވި ގޮތުގައި ކުއްލި ހާލަތްތަކުގައި އެކަށޭނަ ފަރުވާދެވޭ ވަރަށް މީހުން ތަމްރީނުކުރާ އެޑްވާންސް ސެޓްފިކެޓް ލެވަލް ހަތަރެއްގެ އެކޯހުން ނުވަ މޮޑިއުލްއަކަށް ކިޔަވައިދޭނެ ކަމަށެވެ. އޭގެ ތެރޭގައި މެޑިކަލް ޓާމްސްތަކާއި ހަށިގަނޑުގެ ހިނގުމުގެ ކަންކަމުގެ ތަފްސީލުގެ އިތުރުން ފަރުވާދޭނެ ގޮތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މިމީހުން ތަމްރީނު ވީމާ އެމީހުން އެހީގައި ހޮސްޕިޓަލަށް ގެންނަ މީހުން ތިބޭނީ ރަނގަޅު ކޮންޑިޝަންގައި، ޓިއުބްލަށްވަން ޖެހޭ ނަމަ ލައްވާ ހަދާފައި، އޮކްސިޖަން ދޭން ޖެހޭ ނަމަ ދީފައި، އެމްބިއުލާންސްގައި ވެސް ހޮސްޕިޓަލަށް ގެންދެވެންދެން އެމީހުން ފަރުވާދެވޭނެ،" އުސާމާ ވިދާޅުވި އެވެ.

ގުދުރަތީ އެކިއެކި ހާދިސާތައް ދިމާވާ ހާލަތްތަކުގައި ވެސް "ފަސްޓް އެއިޑް" ނަމުގައި މިހާރު ދެމުން އަންނަ އާދައިގެ ފަރުވާއަށް ވުރެ އެކޯސް ނިންމާކުދިން ދޭ ފަރުވާ ރަނގަޅުވާނެ ކަމަށާއި އެކުދިން ބޭނުންވާނެ "މެޑިކަލް ކިޓް" އެއިނިސްޓިޓިއުޝަނުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޯލަވެލް ފެންވަރު މީހުންނަށް އަމާޒުކޮށްގެން ނުވަ މަސް ދުވަހަށް ޕާޓްޓައިމްކޮށް ހިންގާ އެކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ފީއަކީ 50،000 ރުފިޔާ އެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފާސްކޮށްފައިވާ އެކޯހުން ދަސްވެނިވާ ދަރިވަރުންނަށް މޯލްޑިވްސް މެޑިކަލް ބޯޑުގެ ލައިސެންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އުސާމާ ވިދާޅުވި އެވެ. އެކޯހުގައި ކިޔަވައިދެނީ އުސާމާ އެވެ.

އަވަހަށް އެންމެ އެކަށޭނަ ފަރުވާއަކީ ވަރަށް ވެސް މުހިންމުކަމެކެވެ. ހާއްސަކޮށް ރާއްޖެ އުފެދިފައިވާ ގޮތާއި ސިއްހީ ހާލަތު ހުތިގޮތުން އެއީ ވަރަށް މުުހިންމުކަމެކެވެ. އެހެންކަމުން އެފަދަ ބަޔަކު ތަމްރީނުވެފައި ތިބެން ޖެހެ އެވެ.

comment ކޮމެންޓް