ސްރީލަންކާގެ އެންމެ ނުފޫޒުގަދަ ދެ މިނިސްޓަރުންގެ މަގާމު ބަދަލުކުރަނީ

ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ (މ) އަދި ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނާޔަކަ (ވ)، ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޔާމީނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސްރީލަންކާގެ ކެބިނެޓުގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް މާދަމާ ގެންނާނެ ކަމަށް ސްރީލަންކާގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މާދަމާގެ ވަގުތެއްގައި، ކެބިނެޓުގެ ހުރިހާ ވަޒީރުންނާއި ސްޓޭޓު މިނިސްޓަރުންނާ އެކު ބައްދަލުވުމެއް ބާއްވާނެއެވެ.

އެ ބައްދަލުވުމުގައި، އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓުގެ ބައެއް މަގާމުތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމައިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން، ސްރީލަންކާގެ އެންމެ ނުފޫޒުގަދަ ދެ ވަޒީރުން ކަމުގައިވާ، ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ރަވީ ކަރުނާނަޔަކަ ފޮރިން މިނިސްޓަރުކަމަށް، އަދި ފޮރިން މިނިސްޓަރުކަމުގައި ހުންނެވި މަންގަލަ ސަމަރަވީރަ ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކުރެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މިނިސްޓަރު ރަވީ އަދި މަންގަލައަކީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އެންމެ އަރިސް ދެ ބޭފުޅުންނެވެ.

މީގެ އިތުރުން މީޑިއާއާ ބެހޭ ވުޒާރާ އުވާލައި، އެ މިނިސްޓްރީގެ ޒިންމާތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށާއި، މީޑިއާ މިނިސްޓަރުކަން މިހާރު ކުރައްވާ ބޭފުޅާއަށް އެހެން ވުޒާރާއެއް ހަވާލުކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ލަންކާގެ މީޑިއާއިން ރިޕޯޓުކުރެއެވެ.

މި ބަދަލުތައް ގެންނަ ސަބަބެއް ލަންކާގެ ސިޔާސީ އެއްވެސް ފަރާތަކުން ސީދާ ގޮތެއްގައި ހާމަކޮށްފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި މިއީ ރައީސް މައިތުރިޕާލަ ސިރިސޭނާ އެދިވަޑައިގަންނަވާތީ ގެންނަވާ ބަދަލެކެވެ. މި ބަދަލުތަކަށް، ސަރުކާރު ހިންގާ ޔުނައިޓެޑް ނޭޝާނަލް ޕާޓީއިން މީގެ ކުރިން ދެކޮޅު ހެދި ނަމަވެސް، ދާދި ފަހުން އެކަމަށް އެޕާޓީން ރުހުން ދީފައިވާ ކަމަށް ޑެއިލީމިރަރ ނޫހުން ރިޕޯޓުކުރެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް ނޭޝަނަލް ޕަޓީއިން އެގައުމުގައި ވެރިކަން ކުރި ނަމަވެސް، ރައީސް މައިތުރިޕާލަ ސިރިސޭނާ ނިސްބަތްވެވަޑައިގަންނަވަނީ އިދިކޮޅު ޕާޓީ، ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އެވެ. ދެހާސް ފަނަރަވަނަ އަހަރުގެ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެން ސިރިސޭނާ ރިޔާސީ ރޭހުގައި ކާމިޔާބު ހޯއްދެވީ، ނުކުއޭރުގެ ރައީސް އަދި އެސްއެލްއެފްޕީގެ ކެންޑިޑޭޓު މަހިންދަ ރާޖަޕަކްސައާ ވާދަކުރައްވައެވެ.

comment ކޮމެންޓް