ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުން މަޑުޖައްސާލަން އަންގައިފި

ހައްޖުގެ އަޅުކަމަށް ސައުދީއަށް ދިޔަ ދިވެހި ބައެއް ހައްޖުވެރިން-- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ ކަންކަން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްލާމިކް މިނިސްޓްރީ އަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ފަސް ކުންފުންޏަކާއެކު ހައްޖު ކޯޕަރޭޝަނަށް ހައްޖު ކޯޓާ ދިނުމަށް ނިންމައި އެކަން މީގެ ތިން ދުވަސް ކުރިން އިއުލާން ކޮށްފައެވެ.

ނަމަވެސް އޭސީސީން މިއަދު ބުނީ، މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށްޓަކާ އެކަމަށް އެދޭ ފަރާތްތަކަށް ހައްޖު ކޯޓާ ދޫކުރުމަށްޓަކާ އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ހައްޖުކޯޓާ ލިބޭ ފަރާތްތައް ހޮވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނަށް ސީރިއަސް ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

"އެ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަ ބަލައި ނިމިގެން ވަކި ގޮތަކަށް އަންގަންދެން، 1438 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތާގުޅޭ އިތުރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވުމަށް މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ވާނީ ދެންނެވިފައެވެ،" އޭސީސީ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަންގެ އިތުރުން ހޮވާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި ދަރުމަ ލިލްހައްޖި ވަލްއުމްރަތި ޕްރައިވެޓް ލިމިޓެޑާއި ކިސްވާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ހައްޖު ގްރޫޕް އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމްރާ އެވެ.

ރާއްޖެއަށް މިއަހަރު މިހާތަނަށް ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން 500 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ބާކީ 500 ކޯޓާގެ ތެރެއިން މިނިސްޓްރީން ހޮވި ކޮންމެ ކުންފުންޏަކަށް ވެސް ދޭން ނިންމާފައިވަނީ 100 ކޯޓާއެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑުޖައްސާލަން އޭސީސީން އަންގާފައިވާއިރު، ވަކި ބަޔަކަށް މަންފާވާ ގޮތަށް ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެ، އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ވަނީ އާންމުވެފަ އެވެ.

comment ކޮމެންޓް