އިންސާނީ ވަގުފާރިއާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އޮންލައިން ސިސްޓަމެއް ގާއިމްކޮށްފި

އިސްކަންދަރު ބިލްޑިންގ ގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފުލުހުން

ހިއުމަން ޓްރެފިކިން ނުވަތަ ވަގުފާރިއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅުމަށް ހާއްސަ ވެބްސައިޓެއް ތައާރަފްކޮށް، އެ ވެބްސައިޓް މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބެލެހެއްޓުމަށް ހާއްސަ ސިސްޓަމެއް އިފްތިތާހުކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ޓްރެފިކިން އިން ޕާސަންސް ކޭސް މެނޭޖްމަންޓް ސިސްޓަމް"ގެ ނަމުގައި ހަދާފައިވާ އެ ސިސްޓަމް އިފްތިތާހް ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއެވެ.

ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ޑީސީޕީ ސައުދީ ވިދާޅުވީ، މިއަދު އިފްތިތާހްކުރި ސިސްޓަމަކީ ފުލުހުންގެ ހިއުމަން ޓްރެފިކިން ޔުނިޓާއި ކަމާގުޅޭ އެންމެހައި ފަރާތްތައް ގުޅިގެން ފާއިތުވެ ދިޔަ ހަތް މަހެއްހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އަދި ސިސްޓަމްގެ އެހީގައި ހުރިހާ ސްޓޭކް ހޯލްޑަރުން ގުޅިގެން މަސައްކަތްކުރުމުން މަގުފަހި ވެގެންގޮސް، އިންސާނީ ވަގުފާރީގެ މައްސަލަތައް ހުށަހެޅުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް)ގެ ފަރާތުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން ޖެޒަބޭ ކްރޮސެޓީ އާއި އައިއޯއެމްގެ ޕްރޮގްރާމް އޮފިސަރު އިހްމާ ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި އައިއޯއެމްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން ޖެޒަބޭ ކްރޮސެޓީ ދެއްކެވި ވާހަކަފުޅުގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ދިވެހި ސަރުކާރާއި ފުލުހުން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަން ފާހަގަކުރެއްވި އެވެ.

އެގޮތުން ހިއުމަން ޓްރެފިކިން ގާނޫނެއް ރާއްޖޭގައި އެކުލަވާލާފައިވުމާއި އެންޓި ހިއުމަން ޓްރެފިކިން ޕްލޭނެއް އެކުލަވާލުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާތައް ތަންފީޒު ކުރުމާއި ކަމާގުޅޭ ތަމްރީންތައް ފުލުހުންނާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކަށް ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި ވިދާޅުވީ، އިންސާނީ ވަގުފާރީގެ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެފަދަ މައްސަލަތައް ހުށަހަޅަން ބޭނުންވި ނަމަވެސް އެކަން ނުކުރެވެނީ ބިރު ދެއްކުމާއި ޖެހިލުން ފަދަ ކަންކަމުގެ ސަބަބުން ކަމައިވީ ނަމަވެސް، މިއަދު ފުލުހުން އިފްތިތާހްކުރި ސިސްޓަމްގެ އެހީގައި ފަސޭހަކަމާ އެކު އެފަދަ މައްސަލަތައް ހުށާހެޅުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް