ލަތީފް މަގާމުގައި ހުންނަން ހުރަހެއް ނެތް: އޭވީސީ

ވީއޭއެމްގެ ރައީސް ލަތީފް(ވ): ރައީސްކަމަށް ލަތީފް އިންތިހާބުކުރިތާ ހަތަރު މަސް ވަނީ ވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފްގެ މަގާމް ގެއްލިފައިވާކަމަށާއި އަދި ލަތީފްގެ ބެލުމުގެ ދަށުން ހިނގަމުންދާ އެ އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީއަކީ އެއްވެސް ހައިސިއްޔަތެއް ނެތް ކޮމިޓީއެއްކަމަށް ބުނެ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)އަށް ހުށައެޅި މައްސަލަ ބެލުމަށްފަހު ރާއްޖޭގެ ވޮލީބޯޅަ ހިންގުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭވީސީން ނިންމައިފިއެވެ.

އޭވީސީން މިގޮތަށް ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ތައިލެންޑުގައި ބޭއްވި އެ ކޮންފެޑެރޭޝަންގެ ޖެނެރަލް އެސެމްބްލީއަށް ފަހުއެވެ.

އޭވީސީގެ ވެބްސައިޓުގައި ބުނެފައިވަނީ ރާއްޖެ، ގަތަރު އަދި ކުވޭތުގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުމާ ގުޅޭ ގޮތުން މައްސަލަ ތަކެއް ހުށައެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށްފަހު އެ އެސޯސިއޭޝަންތަކުގެ ހިންގުމުގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށް ނިންމާފައިވާ ކަމަށާއި މިހާރުވެސް ކުރިއަށްދާ ގޮތަށް ކުރިއަށްދިޔުމަށް ލަފާ އަރުވާ ކަމަށެވެ.

ވީއޭއެމްގެ މިހާރުގެ ރައީސް މުހައްމަދު ލަތީފް މަގާމަށް އިންތިހާބުވި ކުލަބުން އޭނާ ވަކިކުރުމުން އޭނާއަށް މަގާމް ގެއްލިފައިވާކަމަށާއި އަދިި މިހާރު ލަތީފަށް އެސޯސިއޭޝަން ހިންގުމުގައި އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ބައެއް މީހުންވަނީ ރާއްޖެއާ ރާއްޖޭން ބޭރުގެ ބައެއް ކުޅިވަރު އިދާރާތަކަށް ހުށަހަޅައިފައެވެ.

މިވީ މުއްދަތުގެ ތެރޭގައި ލަތީފްވަނީ އޭނާ މިދިޔަ އަހަރު އިންތިހަބުވީއިރު އޮތް ހިންގާ ކޮމިޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭނާ ވަނީ އިތުރު މަގާމުތަކެއް އުފައްދައި ވޮލީބޯޅަ އެސޯސިއޭޝަންގެ އިސްލާހީ އެޖެންޑާއެއްވެސް އިއުލާންކޮށްފައެވެ.

comment ކޮމެންޓް