ކޮޅުވެއްޓި، މީހުންނާއެކު މާލެއަށް ގެނައުމުގެ މަސައްކަތް ފަށައިފި

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މާރިއާ-3 ކޮޅުވެއްޓި ކަނޑުމަތީގައި --- ފޮޓޯ/ އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދަނިކޮށް ރޭގެވަގުތެއްގައި ފެނުނު ކޮޅުވެއްޓި އޭގައި ތިބި މީހުންނާއެކު މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ވިދާޅުވީ، ކޮޅުވެއްޓި މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާ މަނަވަރުގެ އެހީގައި ކަމަށެވެ. އެ މަނަވަރަކީ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީއެކެވެ. ކޮޅުވެއްޓި ފެނުނީ އިންޑިއާ އިން ފޯރުކޮށްދިން އެގައުމުގެ ސިފައިންގެ އެއާކްރަފްޓަކަށެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ ކޮޅުވެއްޓީގެ ރޭމްޕް ފިޔަވައި ދެންހުރި ހުރިހާ ސިސްޓަމެއް ބަރާބަރަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކޮޅުވެއްޓި ދުއްވެނީ ވަރަށް މަޑުން ކަމަށެވެ. އަދި އެ ކޮޅުވެއްޓީގެ ކުންފުނިން ޓަގެއް ހަމަޖެއްސިހާ އަވަހަކަށް އެ ކޮޅުވެއްޓި މާލެއަށް ގެނެވޭނެ ސީދާ ގަޑި އިނގޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮޅުވެއްޓި ގެއްލެން މެދުވެރިވީ އެ އުޅަނދުގެ ކޮޅުގައި ހުރަހަށް ޖަހާފައިވާ ދަގަނޑު ފިލާގަނޑު، އޭގެ ޗޭނު ކެނޑިގެން ކަނޑަށް އެލިފައި އޮތުމުގެ ސަބަބުން ބޭނުންވާ މިސްރާބަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެގެންނެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ، ރޭމްޕް ސިސްޓަމް ހައްލުކޮށް، ރޭމްޕް މައްޗަށް ނެގުމަށް މިހާތަނަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި ގަދަ ކަނޑުގައި އެކަން ހައްލުކުރަން މަސައްކަތް ކުރުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ގަބޫލު ނުކުރެވޭތީ ރޭމްޕް އޮތްގޮތަށް ބާއްވައިގެން މާލެއާ ދިމާއަށް މިހާރު ދަތުރުކުރާ ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ "މާރިއާ 3" ނަމަކަށް ކިޔާ ކޮޅުވެއްޓި ފެނިފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ކޮޅުވެއްޓި ފެނުނު އިރު އޭގެއިން ދަތުރުކުރި ހަ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮޅުވެއްޓި ފެނިފައިވަނީ ލ އަތޮޅު އިސްދޫގެ 130 ނޯޓިކަން މޭލު ބޭރުންނެވެ.

comment ކޮމެންޓް