ތަމްރީނު ދަތުރެއްގައި ރާއްޖޭގެ ޒުވާން ދެ ރެފްރީން ތައިލެންޑަށް

އާދަމް ސިޔާދް(ކ) އިބްރާހިމް މާހިދު(ވ) ތައިލްނެޑަށް ދިޔުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި--ފޮޓޯ/ މުހައްމަދު ޝާފީ

ވޮލީބޯޅަ އެސޯސިއޭޝަނުން ފަހިކޮށްދިން ފުުރުޞަތެއްގައި ރާއްޖޭގެ ޒުވާން ދެ ރެފްރީއަކު ތަމްރީނު ހޯދުމަށް ތައިލެންޑަށް ރޭ ފުރައިފިއެވެ،

ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީނުތަކުގައި ބައިވެރިވުމަށް ބެންކޮކަށް ރޭ ފުރާފައިވަނީ އާދަމް ސިޔާދު އާއި އިބްރާހިމް މާހިދެވެ.

ރާއްޖޭގެ ގްރޭޑް "ޑ" ލައިސަންސް އޮންނަ ސިޔާދް ރޭ ސަންސްޕޯޓްސްއަށް ބުނީ އޭނާއަށް މިފަދަ ފުރުޞަތެއް ލިބުނީތީ ހިތް ހަމަޖެހޭ ކަމަށާއި ޒުވާން ރެފްރީންނަށް މިފަދަ ތަމްރީން ފުރުޞަތުތައް ލިބުމަކީ މުހިއްމު ކަމެއް ކަަމަށެވެ.

" ވަރަށް މުހިއްމު ކަމެއް. މި ކޯހުގެ ތެރެއިން އެބަލިބޭ ތިއަރީއާ އަދި އޭގެ އިތުރުން އެކޮޅުގައި ކުރިއަށްދާ ބައެއް މުބާރާތް ތަކުގައި އިންސާފް ކުރުމުގެ ފުރުސަތުވެސް. ވަރަށް މުހިއްމު އަސްލު މިފަދަ ފުރުޞަތުތައް ތަނަވަސްވެގެން ދިޔުން، ކުރިއަށް އޮތްތަނުގައިވެސް،" 2014 ވަނަ އަހަރު ރެފްރީ ކަން ކުރަން ފެށި ސިޔާދު ބުންޏެވެ.

މާހިދު ބުނީ އޭނާއަށް މިފަދަ ފުރުޞަތެއް، ވޮލީބޯޅަ އެސޯސިއޭޝަނުން ފަހިކޮށްދިނިތީ އެފަރާތަށް ޝުކުރު އަދާ ކުރާ ކަަމަށާއި ރެފްރީންނަކީވެސް ރާއްޖެއާ ރާއްޖޭން ބޭރުންވެސް ތަމްރީނާއި ކިޔެވުމުގެ ފުރުޞަތު ލިބޭ ބަޔަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ޒުވާން ދެ ރެފްރީންނަށް ލިބުނު ތަމްރީން ފުރުޞަތާ ގުޅޭ ގޮތުން ވޮލީ ބޯޅަ އެސޯސިއޭޝަންގެ މާކެޓިން އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރު މުހައްމަދު ޝާފީ ވިދާޅުވީ، މި ފުރުޞަތަކީ މިހާރު ވީއޭއެމް އިން ހާއްސަ އިސްކަމެއް ދީގެން ރެފްރީންނަށް އިތުރު ތަމްރީން ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ބޮޅެއް ކަމަށާއި މި ފަހަރުގެ ތަމްރީން ދަތުރުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އެ އެސޯސިއޭޝަނުން ކަމަށެވެ.

comment ކޮމެންޓް