ކޮލޮމްބޯގައި ވެއްޓުނު އިމާރާތުގެ ވެރިފަރާތް ފުލުހުންނާ ހަވާލުވެއްޖެ

ކޮލޮމްބޯގައި ވެއްޓުނު އިމާރާތް --- ފޮޓޯ/ ނިއުސްރޭޑިއޯ އެލްކޭ

މިދިޔަ ހަފްތާގައި ސްރީލަންކާގެ ކޮލޮމްބޯގައި ވެއްޓުނު އިމާރާތުގެ ވެރިފަރާތް އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ވެއްޓިފައިވަނީ، ކޮލޮމްބޯގެ ވެއްލަވައްތަ އަވަށުގައި ހުންނަ މަޝްހޫރު ސެވޯއި ސިނަމާ ކައިރީގައި ހުންނަ "ދަ އެކްސެލެންސީ" ކިޔާ އިމާރާތެކެވެ. ހަތް ބުރީގެ އެ އިމާރާތް އެޅުމުގެ މަސައްކަތްވެސް ކުރަމުން ދިޔަ އިރު، އިމާރާތުގައި ހަދާފައިވާ ފަންގިފިލާތައް ބޭނުންކުރަމުން ދިޔައީ ޕާޓީތަކާއި އިވެންޓްތައް ބާއްވާ މާލަންތަކެއް ހުންނަ ދަރުބާރުގެއެއްގެ ގޮތުގައެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، "ދަ އެކްސެލެންސީ" އިމާރާތުގެ ވެރިފަރާތް، 62 އަހަރުގެ ފިރިހެނަކު ވަނީ މިއަދުގެ ވަގުތެއްގައި ފުލުހުންނާ ހަވާލުވެފައެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ.

ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ދެ މީހަކު މަރުވި އިރު، 23 މީހަކަށް އަނިޔާވެފައިވެއެވެ.

ސްރީލަންކާގެ އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޕާޓަލީ ޗަމްޕިކަ ރަނަވަކަ ވިދާޅުވީ އެ އިމާރާތް ވެއްޓުނީ އިމާރާތުގެ ސްޓްރަކްޗަރ ނުވަތަ އޮނިގަނޑުގެ މައްސަލައެއް ދިމާވެގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ އިމާރާތް ހުރި ބިމުގައި ހެދުމަށް ހުއްދަ ދިނީ ތިން ބުރީގެ އިމާރާތެއް ކަމަށާއި، ހަތް ބުރީގެ އިމާރާތެއް އެތަނުގައި ހެދުމުގެ މަސައްކަތް ކުރަމުން ދިޔައީ ގަވައިދާ ޚިލާފަށް ކަމަށެވެ.

މިނިސްޓަރު ރަނަވަކަ، ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، މި އިމާރާތް ވެއްޓުމުގެ ހާދިސާއިން އަންގައިދެނީ، ގަވައިދާ ޚިލާފަށް އަޅާ އިމާރާތްތަކުގެ ސަބަބުން ދިމާވާ ގެއްލުންތައް ކަމަށެވެ. އަދި އެ އިމާރާތުގައި އެވަގުތު އިހްތިފާލެއް ހިނގަމުން ދިޔަ ނަމަ، މަރުވި މީހުންނާ އަނިޔާވި މީހުންގެ އަދަދު އިތުރުވީސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ވިދާޅުވީ ކޮލޮމްބޯ ސިޓީގައި އެކަނިވެސް ގަވައިދާ ޚިލާފަށް، ނުވަތަ ހުއްދައާ ނުލައި 10،000 އެއްހާ އިމާރާތް ހަދާފައި ހުންނާނެކަމަށް ބެލެވޭ ކަމަށާއި، އެތަންތަން ނެގުމަށް ނުވަތަ ރޫޅާލުމަށް އެންގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮލޮމްބޯއަކީ 750،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސިޓީއެކެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު އިތުރު 500،000 އެއްހާ މީހުން ވަޒީފާ އަދާކުރުމަށް ކޮލޮމްބޯއަށް ދަތުރުކުރެއެވެ.

comment ކޮމެންޓް