ވެލެންސިއާ ބަލިކޮށް، ނިއުއިން މާޒިޔާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި

ސެންޓޭގެ ލަނޑަށްފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ: މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ނިއުއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ލީގުގައި ކްލަބު ވެލެންސިއާ ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތާވަލުގެ އެއްވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ވެލެންސިއާގެ މައްޗަށް ނިއުއިން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ކުޅުނު އަށް މެޗުން ނިއުއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ތާވަލުގެ އެއްވަނާގައި އޮތް މާޒިޔާއަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ އަށް މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު، ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ހަމްޕުއާއެކު ސެންޓޭ އުފާފާޅުކުރަނީ: މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ނިއުއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ނިއުއިން ވަނީ ލަނޑެއް ޖަހާ ލީޑު ހޯދައިފަ އެވެ. މެޗުގައި ފެނިގެންދިޔަ ފުރަތަމަ ހަމަލާއިން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގޯލްކީޕަރު އިމްރާން މުހައްމަދު ސަސްޕެންޝަނާ ކުރިމަތިލަމުންދާތީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ފާސިރު (ސެންޓޭ)އެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ވެލެންސިއާއަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އޮމޮދޫ ގޮޑްފްރޭ ވެސްޓް ދިން ބޯޅައަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު ރިލްވާން (ރިލޭ) ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އިމްރާންގެ ބަދަލުގައި ނިއުގެ ގޯލް ބަލަހެއްޓި އަބްދުﷲ ޒިޔަޒަންއެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގައި ވެލެންސިއާއިން ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދިޔައިރު، އަނެއްކޮޅުން ނިއުއިން ވެސް ދިޔައީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކުރަމުންނެވެ. އެގޮތުން މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ހަމްޒާ މުހައްމަދު (ހަމްޕު)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޝާފިއު އަހްމަދު (ޝާފީ) ކައިރިން ނައްޓާލުމަށްފަހު ހަމްޕު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި މާޒިޔާއާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރާއިރު، މާދަމާރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސްއާއި ޔުނައިޓެޑް ވިކްޓަރީއެވެ.

comment ކޮމެންޓް