500 އަށްވުރެ ގިނަ މީހުން ނުކުމެ ހުޅުމާލެ ސާފުކޮށްފި

ހުޅުމާލެ ސާފު ކުރުމަށް މިއަދު ހިންގި ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ސާފުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ސާފުކުރުމުގެ ކެމްޕެއިންގެ ދަށުން 500 އަށްވުރެ ގިނަ މީހުން ނުކުމެ ހުޅުމާލޭގެ ބޮޑު ބައެއް ސާފުކޮށްފިއެވެ.

މިއީ "ސާފު ހުޅުމާލެ، އަހަރުމެންގެ ޒިންމާ" ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ހިންގި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު އެ ކެމްޕެއިން ހިންގާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ހުޅުމާލެ ސާފު ކުރުމަށް މިއަދު ހިންގި ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީ އިން މައުލޫމާތުދޭ ގޮތުގައި، މިއަދު ހިންގި ސާފު ކުރުމުގެ ޕްރޮގްރާމްގައި އެޗްޑީސީގެ މެނޭޖްމަންޓާއި ސްޓާފުންގެ އިތުރުން 13 ފަރާތަކުން 500 އަށްވުރެ ގިނަ މީހުން ނުކުމެ އެޗްޑީސީގެ 23 ސަރަހައްދެއް ސާފުކޮށްފައިވެއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވި ބައެއް ފަރާތްތަކުގެ ތެރޭގައި ލޭމް އެސޯސިއޭޝަން، އެމްޓީސީސީ، ގެސްޓް ހައުސް އެސޯސިއޭޝަން، ގެސްޓް ހައުސްތައް، ވޯޓާ ސްޕޯޓްސް ގްރޫޕްތައް، ހުޅުމާލެ ހޮސްޕިޓަލް، ވެމްކޯ، މީރާ، ރެހެންދި ސްކޫލާއި ގާޒީ ސްކޫލްގެ އިތުރުން އެމްއެންޑީއެފް، ފުލުހުން، ޑީއާރުޕީއެސް، ޓްރީ ޓޮޕް ހޮސްޕިޓަލް އަދި މައި ކޮލެޖް ހިމެނެއެވެ.

ހުޅުމާލެ ސާފު ކުރުމަށް މިއަދު ހިންގި ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

މިއަދުގެ ސާފުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ހުޅުމާލޭގެ ޑޮކްޓަރުން ވަނީ މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގޮތުން ޑެންގޫ އިން ސަލާމަތްވުމަށް އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

އެޗްޑީސީން ދަނީ އެ ކޯޕަރޭޝަންގެ ސީއެސްއާރްގެ ދަށުން ކޮންމެ އަހަރަކު ވެސް މިފަދަ ތަފާތު ހަރަކާތްތައް ހިންގާ ރާވަމުންނެވެ.

އެޗްޑީސީ އިން ބުނީ، އެ ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ "ސާފު ހުޅުމާލެ، އަހަރުމެންގެ ޒިންމާ" އަކީ ގިނަ ދުވަހަށް ދެމިގެންދާ އަދި ކުރިއަށް އޮތް މުސްތަގްބަލުގައި ވެސް ހުޅުމާލެ ސާފުކޮށް ބޭއްވުމަށް ހިންގޭނެ ކެމްޕޭނެއް ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ހުޅުމާލެ ސާފު ކުރުމަށް މިއަދު ހިންގި ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

comment ކޮމެންޓް