މަޑިފުށީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީޕީއެމް އިން ކާމިޔާބުކޮށްފި

މާލޭގައި ބެހެއްޓި މަޑިފުށީ ރައްޔިތުން ވޯޓުލި ފޮށިގޭ ވޯޓު ކަރުދާސްތައް ނުގަނީ --- ސަން ފޮޓޯ: އަހުމަދު އާޒިފް

ތ. މަޑިފުށީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.

މަޑިފުށީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީޕީއެމް އަށް ކަށަވަރުވީ މިއަދު ބޭއްވި އެ ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރުންނެވެ.

އެ ކައުންސިލްގެ ދެނަވަ ބުރަކަށް ދާންޖެހުނީ ތިން ވަނަ އަށް ދިޔަ ކެންޑިޑޭޓް ހޮވުނީ އެއް ވޯޓު ތަފާތުން ކަމުގައިވާތީ އާއި އަދި ކާމިޔާބުވި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާއިރު، އެ ކައުންސިލަށް ވޯޓުލާން ނުޖެހޭ މީހަކު ވޯޓުލާފައިވާތީއެވެ. އެ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން އެތަނުން ނިންމާފައި ވަނީ އެއީ ނަތީޖާއަށް އަސަރުކުރާ ވަރުގެ ޝަކުވާއެއްގެ ގޮތުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ އިން ދައްކާގޮތުގައި ތިން ވަނައަށް އިންތިޚާބު ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އަބްދުﷲ އަށް ލިބުނީ 388 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް ހިލްމީ އަށް ލިބުނީ 387 ވޯޓެވެ.

މިއަދު ބޭއްވި އެ ކައުންސިލްގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އަބްދުﷲ އަށް ލިބުނީ 398 ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނަށް ވޯޓު ލިބުނު ގޮތަށް ބަލައިލާއިރު އިސްމާއީލް ހިލްމީއަށް 409 ވޯޓު ލިބުނުއިރު، އައްބާސް އަހުމަދަށް ލިބުނީ 438 ވޯޓެވެ. އަދި އަލީ ހަސީނަށް ލިބުނީ 417 ވޯޓެވެ.

comment ކޮމެންޓް