ގެއްލިގެން ހޯދަމުން އަންނަ "މާރިއާ-3" ކޮޅުވެއްޓި އޮޔާ ދާނަމަ ދާނެކަމަށް ބެލެވެނީ ސްރީލަންކާގެ ސާޗް އެންޑް ރެސްކިއު ރީޖަންއާ ދިމާއަށް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން އެހެން ވިދާޅުވީ، ގެއްލިގެން ހޯދާ ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރުމަށް މިއަދު އިރުއޮއްސި 7:00 ކަންހާއިރު ކޯސްޓްގާޑް ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކޯސްޓްގާޑް ކޮމާންޑަރު މުހައްމަދު އިބްރާހީމް ވިދާޅުވީ، މިހާރު ރާއްޖޭގެ ސަރަހައްދުގައި އޮޔާއި ވައި އަދި ރާޅު ހުރިގޮތަށް ބަލާއިރު އުޅަނދު އޮޔާދާނެ ކަމަށް ބެލެވެނީ ސްރީލަންކާގެ ސާޗް އެންޑް ރެސްކިއު ރީޖަންއާ ދިމާއަށެވެ.
އޭނާ ވިދާޅުވީ އެ ދިމާއަށް ގޮސް، ރާއްޖޭގެ ސަރަހައްދުން އުޅަނދު ބޭރުވިޔަސް، ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެ މައުލޫމާތުތައްދީ، ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ކޯސްޓްގާޑް ކޮމާންޑަރު ވިދާޅުވި އެވެ.
ކޮމާންޑަރު މުހައްމަދު އިބްރާހީމް ވިދާޅުވީ، މިހާރު މޫސުން ހުރިގޮތުން އުޅަނދު ހޯދުމުގެ އޮޕަރޭޝަނަށް ވެސް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ކަނޑުތަކުގައި ބޮޑެތި ބާނިތައް ހުރިއިރު، "ޑްރިފްޓްމޮޑެލް" ނަމަކަށް ކިޔާ ވަސީލަތެއް ބޭނުންކޮށްގެން، އެ އުޅަނދެއް އޮޔާދާނެ ދިމާލަކާއި ދާނެ ބާރުމިން ދެނެގަނެވޭނެ ކަމަށެވެ.
އެގޮތުން އެ ވަސީލަތުން ދައްކާގޮތުން ނަމަ މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުރި އޮޔާއި ވަޔާއި ރާޅުބާނިތަކަށް ބަލައި، އެ އުޅަނދު މާދަމާ އިރުއޮއްސި 6:00 އާއި ރޭގަނޑު 23:59 އާއި ދެމެދުގެ ވަގުތެއްގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ނުވަތަ ރާއްޖޭގައި ރެސްކިއުއަށް ބޭނުންކުރާ މަތިންދާބޯޓު ތަކުގެ ރޭންޖުން ބޭރުވާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަސީލަތް ބޭނުންކޮށްގެން އިންޑިއާ ކަނޑުގަ ރާއްޖެ މިއޮތް ސަރަހައްދުގެ ހުރިހާ ހިސާބެއްގައި އޮޔާ ވަޔާ ރާޅު ހުރިގޮތެއް އެބަ އިނގޭ. އެޔަށް އެބަ އިނގޭ ލޭންޑިން ކްރާފްޓް [ކޮޅުވެއްޓި] އޮތް ސްޓްރަކްޗާއެއް ބުނެދިނީމަ އެ އޮޔާ ދާނީ ކިހާ ބާރުމިނެއްގަ، ކޮން ދިމާލަކަށް ކަން،"
މިއަދުގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑިރެކްޓަރު މުހައްމަދު ސަލީމް ވިދާޅުވީ، އުޅަނދު ހޯދުމަށް މިހާރު ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ އެހީތެރިކަމާއެކު އެގައުމުގެ ކަނޑު އުޅަނދަކާއި މަތިންދާ ބޯޓެއް ވެސް އޮޕަރޭޝަނުގައި ބޭނުންކުރާ އިރު، އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި ޓީއެމްއޭގެ ސީޕްލޭން މެރުވެރިކޮށް އަދި ކޯސްޓްގާޑްގެ ކަނޑު އުޅަނދުތައް ބޭނުންކޮށްގެން ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.