ޓީސީއާއި ގްރީން ސްޓްރީޓްސް މެޗުން ހަމަހަމަ ނިމުމެއް

މާލޭ ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސްއާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މިއަދު ހަވީރު ޓީސީއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި ދެވަނަ ބުރުގެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ޓީސީއާއި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޓީސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އަލީ ނާފިއުއާއި ހަސަން ނާއިޒް (ދާދު)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ގްރީން ސްޓްރީޓްސްގެ ގޯލަށް އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފައެވެ. ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސުބޯލް އިލިއާއެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ޓީސީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ޓީސީގެ މުހައްމަދު އައްޒާމްގެ ގޯހެއް ކީޕަރު ލިމްބޫ ކިރަން ކުމާރް ނުކުމެ ދިފާއުކުރި ނަމަވެސް، އެ ބޯޅަ ލިބުނީ ސުބޮލް އިލިއާއަށެވެ. އޭނާ ފޮނުވާލި ހަމަލާ ޓީސީ ގޯލު ކުރިމަތިން ޑިފެންޑަރު އީސާ އަލްމަގްރަބީ ދިފާއުކުރިއިރު، ރީބައުންސް ބޯޅައިން އައްމަޑޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ގްރީން ސްޓްރީޓްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ 60 ވަނަ މިނެޓަށްފަހު ކައިރި ކައިރީގައި ޓީސީއަށް ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ގްރީން ސްޓްރީޓްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ސްޓެވާޓް ކޯނެލިއަސް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، މުހައްމަދު ސާމިރު ފޮނުވާލި ހިލޭ ޖެހުމާއި އިބްރާހިމް މަހުދީ (އިއްބެ) ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ޓީސީން ނަތީޖާ ހަމަހަމަކުރީ ގްރީން ސްޓްރީޓްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ އައްޒާމަށް ކީޕަރު ޔުން ކޮޗީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ޓީސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސްއެވެ.

މެޗުގެ އެންމެ ފަހު މިނެޓުގައި ޓީސީއަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ސާމިރު ނަގައިދިން ހުރަހަކުން ގްރީން ސްޓްރީޓްސްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ އައްޒާމް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މާލޭ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު ގްރީން ސްޓްރީޓްސް އޮތީ ކުޅުނު އަށް މެޗުން ލިބުނު 14 ޕޮއިންޓާއެކު ތާވަލުގެ ތިންވަނާގައެވެ. ކުޅުނު އަށް މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނާގައި ޓީސީ އޮތްއިރު، ތާވަލުގެ އެންމެ ކުރީގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތް މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ ދެވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ފުލުގައި އޮތް ކްލަބު ވެލެންސިއާއެވެ.

comment ކޮމެންޓް