ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ކައުންސިލަށް މޫސަ އިންތިހާބުކޮށްފި

ބެޑްމިންޓަންގެ މައި އިދާރާ، ބީޑަބްލިޔުއެފްގެ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު --- ސަން ފައިލް ފޮޓޯ

ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިޔުއެފް)ގެ ކައުންސިލަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުކޮށްފި އެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސައާއެކު ޖުމްލަ 11 މެންބަރަކު ބީޑަބްލިޔުއެފްގެ ކައުންސިލަށް ވަނީ އިންތިހާބުކޮށްފައެވެ. އެ މެންބަރުން އިންތިހާބުކޮށްފައި ވަނީ މިއަދު އޮސްޓްރޭލިއާގައި ބޭއްވި އެ ފެޑެރޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ކައުންސިލް މެންބަރުންގެ ދައުރު ހަމަވާނީ 2021 ވަނަ އަހަރެވެ.

މޫސަގެ އިތުރުން ދެން އިންތިހާބު ކުރި މެންބަރުންނަކީ ޗައިނާގެ ޓަން ޖިއު ހޮންގް އާއި، މޮންގޯލިއާގެ ބައްޓުޝިގް ބަޓްބޯލްޑްއާއި، ނައިޖީރިއާގެ ޑަންލާމީ ޒަމާ ސަންޗިއާއި، ސްކޮޓްލެންޑްގެ އެމާ މޭސަންއާއި، ސްވިޒަލެންޑްގެ ރޮބާޓް ޑި ކޮކް އަދި ތައިލެންޑްގެ ކުންޔިންގް ޕަޓަމާ ލީސްވަޑްޓްރަކުލްއެވެ.

ބެޑްމިންޓަންގެ މައި އިދާރާ، ބީޑަބްލިޔުއެފްގެ ކައުންސިލަށް އިންތިހާބުކުރި މެންބަރުން: އެ ކައުންސިލްގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ހިމެނިވަޑައިގަންނަވާ ---

ބީޑަބްލިޔުއެފް ކައުންސިލްގެ 11 މެންބަރުންނާއެކު ކައުންސިލްގެ ޕްރެޒިޑެންޓާއި ޑެޕިއުޓީ ޕްރެޒިޑެންޓާއި ބީޑަބްލިޔުއެފް ވައިސް ޕްރެޒިޑެންޓް ޕެރަ-ބެޑްމިންޓަންގެ މަގާމު ވެސް ވަނީ ހޮވައިފައެވެ. ޕްރެޒިޑެންޓަކަށް ޕޯލް އެރިކް ހޯޔާ ހޮވުނުއިރު، ޑެޕިއުޓީ ޕްރެޒިޑެންޓަކަށް ހޮވުނީ ޕެރޫގެ ގުސްތާވޯ ސަލަޒާ ޑެލްގާޑޯއެވެ. އަދި ބީޑަބްލިޔުއެފް ވައިސް ޕްރެޒިޑެންޓް ޕެރަ-ބެޑްމިންޓަންގެ މަގާމަށް ހޮވުނީ ސްވިޒަލެންޑްގެ ޕައުލް ކުރްޒޯއެވެ.

ބީޑަބްލިޔުއެފްގެ ކައުންސިލަށް ޖުމްލަ 26 ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް، އޭގެ ތެރެއިން 8 ކެންޑިޑޭޓަކު ވަނީ ފަހުން ނަން އަނބުރާ ގެންގޮސްފައެވެ. މިދިޔަ މަހު ނިޔާވި އިންޑިއާގެ ޑރ. އަކިލޭޝް ދަސް ގުޕްތާގެ ނަން ވެސް އުނިކޮށްފައިވެއެވެ.

ބީޑަބްލިޔުއެފްގެ ކައުންސިލަށް ހޮވިވަޑައިގެންނެވި ނާޝިދަކީ އޭޝިއާގެ ބެޑްމިންޓަންގެ މައި އިދާރާ، ބެންޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާމަންކަމުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

comment ކޮމެންޓް