އައިސްލޭންޑް އަދި ގްރީންލޭންޑުގައި 21 ގަޑިއިރު ރޯދައަށް ތިބެންޖެހޭ!

މި އަހަރުގެ ރަމަޟާން މަހަށް މުސްލިމުން މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ އިރު، މި އަހަރު ވެސް ރޯދަ މަސް ދިމާވަނީ ހޫނު ގަދަ ދުވަސްވަރަކާ އެވެ.

އެހެންކަމުން މި އަހަރުގެ ރޯދަ މަހު އެންމެ ގިނަ އިރު ރޯދަށް ތިބެން ޖެހޭ ގައުމުތަކަށާއި ރޯދައަށް ތިބެން ޖެހޭ ވަގުތު އެންމެ ކުޑަ ގައުމުތަކަށް ބަލައިލާނަމެވެ.

ދުނިޔޭގެ އެހެން ހިސާބުތަކާ އަޅައިބަލާއިރު، ޔޫރަޕު ހިސާބުގެ ގައުމުގައި މުސްލިމުން ރޯދައަށް ތިބެން ޖެހޭ ވަގުތު ގިނައެވެ.

މި އަހަރު އެންމެ ގިނައިރު ރޯދައަށް ތިބެން ޖެހޭނީ ގްރީންލޭންޑް އަދި އައިސްލޭންޑުގައެވެ. ގްރީން ލޭންޑުގައި 21 ގަޑި އިރާއި ދެ މިނެޓު ރޯދަ ހިފަން ޖެހޭ އިރު އައިސްލޭންޑުގައި 21 ގަޑި އިރު ރޯދަ ހިފަން ޖެހެ އެވެ.

ޔޫރަޕުގެ ގައުމުތަކަށް ބަލާއިރު، ނޯވޭ، ރަޝިޔާ، ފިންލޭންޑް، ސްވީޑްން ފަދަ ގައުމުތަކުގައި 20 ގަޑި އިރާ ކައިރު ކުރާ ވަގުތަކަށް ރޯދައަށް ތިބެން ޖެހެ އެވެ.

ގްރީންލޭންޑްގައި 21 ގަޑިއިރު ރޯދައަށް ތިބެން ޖެހުނު ނަމަވެސް، އެހިސާބުގެ އެހެން ގައުމުތައް ކަމުގައިވާ ކެނެޑާ، އެމެރިކާ އަދި ކޮލަމްބިއާ ފަދަ ގައުމުތަކުގައި މުސްލިމުން ރޯދަ ހިފަން ޖެހޭނީ 17 ގަޑިއިރާ 11 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ.

މިދިޔަ އަހަރު އެންމެ "ދިގު ރޯދަ" ހިފާފައި ވަނީ ޑެންމާކްގައި ދިރިއުޅޭ މުސްލިމުންނެވެ. އެއީ 21 ގަޑި އިރެވެ. ނަމަވެސް މި ފަހަރު ޑެންމާކުގައި ރޯދައަށް ތިބެން ޖެހޭނީ 19 ގަޑިއިރާއި ފަސް ވަރަކަށް މިނެޓު ވަންދެނެވެ.

މި އަހަރު ވެސް އެންމެ ކުޑަ ވަގުތު ކޮޅަކަށް ރޯދައަށް ތިބެން ޖެހޭނީ އާޖެންޓީނާގައި ދިރިއުޅޭ މުސްލިމުންނެވެ. އެ ގައުމުގައި ރޯދައަށް ތިބެން ޖެހެނީ 11 ގަޑިއިރާއި 32 މިނެޓު އެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު އާޖެންޓީނާ ގައި މުސްލިމުން ރޯދަ ހިފާފައި ވަނީ ނުވަ ގަޑި އިރާއި ވަގުތު ކޮޅަކަށެވެ.

އާޖެންޓީނާގެ އިތުރުން ނިއުޒީލޭންޑް އަދި އޮސްޓްރޭލިއާގައި ވެސް މުސްލިމުން ރޯދައަށް ތިބެން ޖެހޭނީ 11 ގަޑި އިރު ވަންދެނެވެ. ނިއުޒީލޭންޑުގައި 11 ގަޑި އިރާއި 37 މިނެޓު ރޯދައަށް ތިބެން ޖެހޭއިރު އޮސްޓްރޭލިއާގައި ރޯދައަށް ތިބޭނީ 11 ގަޑިއިރާއި 35 މިނެޓު ވަންދެނެވެ.

އެފްރިކާގެ ގައުމުތަކަށް ބަލާއިރު، އެ ސަރަހައްދުގެ ގައުމުގެތަކުގައި މުސްލިމުން ރޯދައަށް ތިބެން ޖެހޭނީ 13 ގަޑި އިރާއި 12 ގަޑި އިރާ ދެމެދުގެ ވަގުތަކަށެވެ.

މެދު އިރުމަތީގެ ގައުމުތަކަށް ބަލާއިރު، އީރާނުގައި 16 ގަޑި އިރާއި ކުޑަ ވަގުތު ކޮޅަކު ރޯދައަށް ތިބެން ޖެހޭ އިރު، ސައުދީ އަރަބިއާ އަދި ޔަމަން ގައި މުސްލިމުން ރޯދަ ހިފާނީ 14 ގަޑިއިރާއި ވަގުތު ކޮޅަކަށެވެ.

އޭޝިއާ ސަރަހައްދުން އެންމެ ގިނަ އިރު ރޯދަ ހިފާނީ ކަޒަކުސްތާންގައި ދިރިއުޅޭ މުސްލިމުންނެވެ. އެއީ 18 ގަޑިއިރާއި 12 މިނެޓު އެވެ. ޗައިނާގައި 16 ގަޑިއިރާއި 14 މިނެޓު ރޯދައަށް ތިބެން ޖެހޭ އިރު، އަވަށްޓެރި އިންޑިއާގައި 15 ގަޑިއިރު ރޯދައަށް ތިބެން ޖެހޭނެ އެވެ.

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދިރިއުޅޭ ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގައި ވެސް 15 ގަޑިއިރާ ކައިރި ކުރާ ވަގުތަކަށް ރޯދަ އަށް ތިބެން ޖެހޭނެ އެވެ.

ލަންކާގައި 13 ގަޑިއިރާއި 40 ވަރަކަށް މިނެޓު ރޯދައަށް ތިބެން ޖެހޭ އިރު، ރާއްޖޭގައި ރޯދައަށް ތިބެން ޖެހޭނީ 13 ގަޑިއިރާއި 30 ވަރަކަށް މިނެޓު ވަންދެނެވެ. (ގަލްފް ނިއުސް)

comment ކޮމެންޓް