ޒުވާން އަންހެން ދަރިފުޅަށް މަންމަގެ ރަހިމު ހަދިޔާކޮށްފި

އިންޑިއާގެ ޕޫނޭގެ ގެލެކްސީ ކެއާ ހޮސްޕިޓަލްގައި ވަނީ ކާމިޔާބުކަމާ އެކު ޔުޓެރިން ޓްރާންސްޕްލާންޓް ސާރޖަރީއެއް ހަދާފައި -- ފޮޓޯ: އިންޑިޕެންޑެންޓް

އިންޑިއާގައި 43 އަހަރުގެ މަންމަ އަކު އޭނާގެ ރަހިމު، 21 އަހަރުގެ އަންހެން ދަރިފުޅަށް ހަދިޔާކޮށް، ކާމިޔާބުކަމާ އެކު އެ އޮޕަރޭޝަން ފުރިހަމަކޮށްފި އެވެ. މި އަންހެން ކުއްޖާއަކީ އުފަންވި އިރު ރަހިމު ނެތް ކުއްޖެކެވެ.

މިއީ އިންޑިއާގައި މިހާތަނަށް ކުރެވުނު، އެންމެ ފުރަތަމަ ޔުޓެރިން ޓްރާންސްޕްލާންޓް ސާރޖަރީ އެވެ. އަދި ދުނިޔޭގައި ވެސް ކާމިޔާބުކަމާ އެކު ކުރެވުނު މިފަދަ ފަސްވަނަ އޮޕަރޭޝަނެވެ.

ދަރިފުޅު އުފަންވި އިރު، ރަހިމު ނެތްކަން އެނގުނު ހިސާބުން، ޒުވާން އަންހެންކުއްޖާގެ މަންމަ ވަނީ، އޭނާގެ ދަރިފުޅަށް ރަހިމު ހަދިޔާކުރުމަށް އަމިއްލައަށް އިސްނަގައިފަ އެވެ.

ދުނިޔޭގައި މީގެ ކުރިން ރަހިމު ބަދަލުކުރުމުގެ އޮޕަރޭޝަން އެންމެ ފަސްފަހަރު ކާމިޔާބުކަމާއެކު ކޮށްފައިވާ އިރު، އެ ފަސްފަހަރުވެސް އޮޕަރޭޝަން ކޮށްފައި ވަނީ ސްވިޑްންގެ ޓީމަކުންނެވެ. ނަމަވެސް މިފަހަރުގެ އޮޕަރޭޝަން ކާމިޔާބުކޮށްފައި މިވަނީ، ޑރ. ޝައިލޭޝް ޕުންތަންބެކަރްގެ އިރުޝާދުގެ ދަށުން، އިންޑިއާގެ ޕޫނޭގެ ގެލެކްސީ ކެއަރ ހޮސްޕިޓަލްގައެވެ. އެ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޝައިލޭޝް ސީއެންއެންއަށް މައުލޫމާތު ހިއްސާކުރިގޮތުގައި، ނުވަ ވަރަކަށް ގަޑިއިރަށް ދެމިގެން ދިޔަ އެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ އިރު، ދެ މީހުންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ.

"މިހާތަނަށް، މަޔަކަށް ވުމަށް ކުރަމުން އައި އުންމީދު ހާސިލްވެފައި ނުވާ، އެ އަންހެންކުއްޖާގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގެ ޒިންމާ ނަގައިގެން މިތިބީ އަހަރެމެން،" ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީބޮޑު އިންޑިއާގައި މުޅިން އަލަށް ކުރެވުނު އުނދަގޫ އެހެން ނަމަވެސް، ކާމިޔާބު ސާޖަރީއާ ގުޅޭ ގޮތުން ޑރ. ޝައިލޭޝް ވިދާޅުވި އެވެ.

ދަރިމައިވުމުގެ ނިޒާމަށް ޖެހޭ، މާޔަރ-ރޮކިޓަންސްކީ-ކޫސްޓަރ-ހައުސާ (އެމްއާރްކޭއެޗް) ސިންޑްރޯމް ކިޔާ ބައްޔެއްގެ ސަބަބުން ގާތްގަނޑަކަށް ކޮންމެ 5000 އަންހެން ކުދީންގެ ތެރޭން އެއް ކުއްޖަކު މިގޮތަށް ރަހިމު ނެތި އުފަންވާއިރު، ރަހިމު ބަދަލުކޮށްގެން މެނުވީ މި ފަދަ ކުދީންް ދަރިމައި ނުވާ ކަމަށްވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ރަހިމު ނެތުމާއި ރަހިމަށް ޖެހޭ ތަފާތު ބަލިތަކުގެ ސަބަބުން ދަރިމައިވުމުން މަހުރޫމުވެފައިވާ ގާތްގަނޑަކަށް 1.5 މިލިއަން އަންހެނުން ދިރިއުޅޭނެ ކަމަށް ލަފާ ކުރެވެ އެވެ.

ރަހިމު ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ކުރެވުނު ނަމަވެސް، މި އޮޕަރޭޝަން ކުރާ ފަރާތްތަކުން، އެމީހުންގެ ރަހިމުގައި ދަރިއަކު އަށަގަތުމުގެ ކުރީން ހަށިގަނޑު އެކަމަށް ރަނގަޅަށް ތައްޔާރުވުމަށް އަހަރެއްހާ ދުވަހުގެ މުއްދަތަށް އިންތިޒާރުކުރާން ޖެހެ އެވެ.

ޔުޓެރަސް ޓްރާންސްޕްލާންޓް އޮޕަރޭޝަން މެދުވެރިކޮށް މިހާތަނަށްވަނީ ސިއްހަތު ރަނގަޅު ހަ ކުދީން އުފަންވެފައެވެ. އޭގެ ތެރޭގައި މި އޮޕަރޭޝަން ކުރި އެކަކަށް ދެ ދަރިން އުފަންވެފައި ވާއިރު، އަނެއް ހަތަރު ކުދިން ލިބިފައިވަނީ ތަފާތު ހަރު އަންހެނުންނަށެވެ. އެމެރިކާ، ޖާރުމަނު، ސައުދީ އަރަބިއާ އަދި ތުރުކީ ފަދަ ގައުމުތަކުގައި މީގެ ކުރީން މި އޮޕަރޭޝަން ކުރުމަށް މަސައްކަތްކުރި ނަމަވެސް، އިންޑިއާގައި ކުރި ކާމިޔާބު މި އޮޕަރޭޝަންގެ ކުރީން މިކަން ކާމިޔާބުކޮށްފައި ވަނީ ހަމައެކަނި ސްވިޑެންގެ ޑޮކްޓަރުންގެ ޓީމުންނެވެ.

comment ކޮމެންޓް