"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރާވަޑައިގެންފި

ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ/

މާދަމާ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބާއްވާ މި ސަމިޓްގެ ބޭނުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ޓަކައި ޢަރަބި އިސްލާމީ އުއްމަތާއި އެމެރިކާ އާ ގުޅިފައިވާ އެލަޔަންސްއެއް އުފެއްދުން ކަމަށާއި މި ސަމިޓުގައި ޢަރަބި އިސްލާމީ ލީޑަރުންނާ އެކު އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމް އާއި މިނިސްޓަރު އޮފް ފިޝަރީޒް އެންޑްއެގްރިކަލްޗާ ޑރ. މުޙައްމަދު ޝައިނީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރުކުރައްވާ ގޮތަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް