އާސެނަލް ގަތުމަށް އުސްމަނޯފް 1.3 ބިލިއަން ޑޮލަރު ހުށަހަޅައިފި

އާސެނަލްގެ މެޖޯރިޓީ ހިއްސާ ގަތުމަށް ރަޝިއަން ބިލިއަނަރު އަލިޝާ އުސްމަނޯފް ވަނީ 1.3 ބިލިއަން ޑޮލަރު ހުށަހަޅާފައި- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގު ކްލަބު އާސެނަލްގެ މެޖޯރިޓީ ހިއްސާ ގަތުމަށްޓަކައި ރަޝިއާގެ ބިލިއަނަރު އަލިޝާ އުސްމަނޯފް، 1.3 ބިލިއަން އެމެރިކާ ޑޮލަރުގެ އަގެއް ހުށަހަޅައިފިއެވެ.

އެމެރިކާގެ ފައިނޭންޝަލް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން، މިހާރުވެސް އާސެނަލްގެ 30 އިންސައްތަ ހިއްސާ އޮންނަ އުސްމަނޯފް ވަނީ، އާސެނަލްގެ މެޖޯރިީ ހިއްސާދާރު، އެމެރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސްޓޭންލީ ކްރޮއެންކޭ އަތުން އާސެނަލް އެއްކޮށް ނެގުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން، މީގެ މަހެއްހާ ދުވަސްކުރިން، ސްޓެންލީއަށް އުސްމަނޯފް ފޮނުވި ސިޓީގެ ޖަވާބު އަދި މިހާތަނަށް ދީފައިނުވާއިރު، އުސްމަނޯފް އެދޭގޮތަށް މެޖޯރިޓީ ހިއްސާ ދޫކޮށްލަން ސްޓެންލީ ތައްޔާރެއް ނޫނެވެ.

"ދެހަފްތާއެއްހާ ދުވަސް ކުރީން، އަހަރެން އުންމީދުކޮށްގެން ހުރީ، އާސެނަލްއާ ގުޅޭގޮތުން އަހަރެންކުރާމުންދާ އުންމީދު ހަގީގަތަކަށް ވެދާނޭ ކަމަށް. އެހެން ނަމަވެސް މިހާރު ޔަގީނެއްނޫން،" އުސްމަނޯފާ ހަވާލާދީ ފައިނެންޝަން ޓައިމްސްގައި ވެއެވެ.

އުސްމަނޯފަކީ، އާސެނަލުން މިހާރުވެސް ކިރިޔަކިރިޔާ ބޭރުކޮށް ނުލައި ހުރި ކޯޗު، އާސެން ވެންގާގެ ވަރަށް ބޮޑު ފޭނެކެވެ.

މައުދަނުގެ ވިޔަފާރިކުރާ ރަޝިއަން ބިލިއަނަރު މީގެ މަހެއްހާ ދުވަސް ކުރީން ބުނެފައިވަނީ، ޓީމު ބަލިވުމުގެ ޒިންމާ ހަމައެކަނި ވެންގާގެ ބޮލުގައި އަޅުވަން ނުޖެހޭކަމަށެވެ. އަދި ޓީމު ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރާން ޖެހޭ ކަމަށާއި، ވެންގާގެ ބަދަލުގައި މީހަކު ހޯދާނަމަ އެކަންވެސް ކުރަން އެންމެ ރަނގަޅު ވާނީ ވެންގާ އަމިއްލައަށް ކަމަށް އުސްމަނޯފް ބުންޏެވެ.

comment ކޮމެންޓް