ފެނުނު ތަކެއްޗާއި ކޮޅުވެއްޓިއާ ގުޅުމެއްނެތް، އަދިވެސް މިދަނީ ހޯދަމުން: އެމްއެންޑީއެފް

ކޮޅުވެއްޓިއެއް ދަތުރުކުރަމުން ދަނީ --- ފޮޓޯ/ އެމްއެންޑީއެފް

ކ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ހަ މީހުންނާ އެކު ދަތުރަނިކޮށް ގެއްލުނު "މާރިޔާ-3" ކިޔާ ކޮޅުވެއްޓި ހޯދަމުން ދަނިކޮށް ފެނުނު ތެޔޮގަނޑާއި ކޮޅުވެއްޓިއާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެކޮޅުވެއްޓި ފެނޭތޯ ބަލަމުން ދަނިކޮށް އިއްޔެ ފެނުނު ތެޔޮތަކާއި އެއްޗެހިތަކާއި ކޮޅުވެއްޓިއާއި ގުޅުމެއްނެތް ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލިބެލުމުން އެއާއި ކޮޅުވެއްޓިއާއި ގުޅުމެއްނެތް، އަދި ކޮޅުވެއްޓީގެ ހަބަރެއް ނުވޭ،" އާޒިމް ވިދާޅުވިއެވެ.

ޓީއެމްއޭގެ ސީޕްލޭނަކާއި އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް މެދުވެރިކޮށް އަންނަނީ ކޮޅުވެއްޓި ހޯދުމަށް އެތައް ސަރަހައްދެއް ބަލަމުންނެވެ. އަދި މުމްބާއީގައި ހުންނަ އެމްއާރުސީސީ އަށް އެ ކޮޅުވެއްޓީގެ މައުލޫމާތު މިހާރު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެ ފަރާތަށް ކޮޅުވެއްޓިއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފާ ހިއްސާކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮޅުވެއްޓީގެ ހަބަރެއް އެންމެފަހުން ވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ 9:30 ގައި ކަމަށް އެ އުޅަނދުގެ ވެރިފަރާތުން ބުނާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ލަންކާގެ ސެނޮކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ އެ އުޅަނދުގައި ހަ މީހުން ތިބިކަމަށްވެ އެވެ. އެއީ ހަތަރު ބިދޭސީންނާއި ދިވެހި ދެމަފިރިއެކެވެ. އެ ދެމަފިރިންނަކީ ތ. ވިލުފުއްޓަށް ނިސްބަތްވާ ދެމީހުންނެވެ.

comment ކޮމެންޓް