ގެއްލިފައިވާ ކޮޅުވެއްޓީގެ މައުލޫމާތު އިންޑިއާއާ ހިއްސާކޮށްފި

ގެއްލިގެން ހޯދަމުން އަންނަ މާރިއާ3 ކޮޅުވެއްޓި --- ފޮޓޯ/ ސޯޝަލް މީޑިއާ

ކ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ދަތުރު ކުރި ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނަ އިރު، އެ މައުލޫމާތު އަވައްޓެރި އިންޑިއާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޓިން ސެންޓަރު (އެމްއާރުސީސީ) އާ ހިއްސާކޮށްފި އެވެ.

ކޮޅުވެއްޓީގެ ހަބަރެއް އެންމެފަހުން ވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ 9:30 ގައި ކަމަށް އެ އުޅަނދުގެ ވެރިފަރާތުން ބުނާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ލަންކާގެ ސެނޮކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ އެ އުޅަނދުގައި ހަ މީހުން ތިބިކަމަށްވެ އެވެ. އެއީ ހަތަރު ބިދޭސީންނާއި ދިވެހި ދެމަފިރިއެކެވެ. އެ ދެމަފިރިންނަކީ ތ. ވިލުފުއްޓަށް ނިސްބަތްވާ ދެމީހުންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ވިދާޅުވީ، މުމްބާއީގައި ހުންނަ އެމްއާރުސީސީ އަށް އެ ކޮޅުވެއްޓީގެ މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތަށް ކޮޅުވެއްޓިއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފާ ހިއްސާކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މާރިޔާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން ޓީއެމްއޭގެ ސީޕްލޭނެއްގައި ސިފައިން އެކޮޅުވެއްޓި ހޯދަމުން ދަނިކޮށް މިއަދު ވަނީ ތެޔޮގަނޑަކާއި އޮޔާދާ އެއްޗެހިތަކެއް ލ. އަތޮޅު ސަރަހައްދުން ފެނިފަ އެވެ. އެމްއެންޑީއެފުން ބުނީ، އެތަކެތި ފެނިފައިވަނީ ލ. އިސްދޫގެ އިރުއުތުރުން 50 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފުން ޓީއެމްއޭގެ ސީޕްލޭން ބޭނުންކޮށްގެން ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ ފެނުނު ތަކެއްޗަށް ބަލައި ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓީއެމްއޭގެ ސީޕްލޭންގެ އިތުރުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި ކޯސްޓްގާޑުގެ "ހުރަވީ" އާއި އެހެނިހެން އުޅަނދުފަހަރު ބޭނުންކޮށްގެން ގެއްލުނު ކޮޅުވެއްޓި އާއި އޮޔާދަނިކޮށް ފެނުނު ތަކެއްޗާ ގުޅުމެއް ހުރިތޯ ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ ސަރަހައްދުން އެއްވެސް މީހަކު ފެނޭތޯވެސް ބަލަމުން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް