ކްރިސް ހެމްސްވޯތަށް ޕްލާސްޓިކް ފުޅިން ލިބޭ ގެއްލުން އެނގުނީ ރާއްޖެއިން

ކްރިސް ހެމްސްވޯތް ބީޗަކުން ޕްލާސްޓިކް ނަގަނީ --- ފޮޓޯ/ އިންސްޓަގުރަމް

އަހަރެމެން މިއުޅޭ ދުނިޔެއަށް އަޅާ ނުލެވޭ ކަމީ އެންމެން ގަބޫލް ކުރަންޖެހޭ ހަގީގަތެކެވެ. ދުނިޔޭގެ ކުނީގެ މައްސަލަ އެއް ދުވަހުން އަނެއް ދުވަހު އިތުރުވަމުންދާއިރު، ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްތަކުގެ ގެއްލުން ދަނީ ހީނުކުރާ މިންވަރަށް އިތުރުވަމުންނެވެ.

އަހަރެއްގެ މައްޗަށް 300 މިލިއަން ޓަނުގެ ޕްލާސްޓިކް އުފައްދާއިރު، ރިސައިކަލް ކުރެވެނީ އޭގެ ތެރެއިން އެންމެ 78 ޕަސެންޓެވެ. އަދި އުފައްދާ ޕްލާސްޓިކްގެ ތެރެއިން 8.8 ޓަނު ޕްލާސްޓިކް އެޅެނީ ކަނޑުތަކަށެވެ. ނަތީޖާ އަކަށް ވަނީ ކަނޑުގެ ލޮނުގަނޑު ތަގައްޔަރުވެ، މޫދުގެ ދިރުންތައް މަރުވުމެވެ.

ޕްލާސްޓިކާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރު އަދި މާވެލް ސިނަމެޓިކް ޔުނިވާސްގައި "ތޯ"ގެ ބައި ކުޅޭ ކްރިސް ހެމްސްވޯތް ވަނީ އޭނާގެ އިންސްޓަގުރަމް އެކައުންޓުގައި ހާއްސަ މެސެޖަކާއެކު ބީޗަކުން ޕްލާސްޓިކް ނަގާ ފޮޓޯއެއް ހިއްސާކޮށްފައެވެ.

ޕާލޭ އެއާ އެކްސް ކޮރޯނާ އިން ހިންގާ "100 އައިލެންޑް ޕްރޮޓެކްޓެޑް" ޕްރޮޖެކްޓުގެ އެމްބެސެޑަރުގެ މަގާމަށް އައްޔަންކޮށްފައިވާ ހެމްސްވޯތް ބުނި ގޮތުގައި، އޭނާގެ ދިރިއުޅުމުގެ އެންމެ ހިތްގައިމު ދުވަސްތައް ހޭދަކޮށްފައި ވަނީ ކަނޑާއި މޫދު ފެންނަ ހިސާބުގައެވެ. އަދި ކަނޑުތަކުގެ ސަބަބުން އޭނާއަށް އުފާވެރިކަން ގެނެސްދޭއިރު، އެތަނުގެ މުހިއްމުކަން ވިސްނޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

"ރާއްޖޭގައި އަހަރެން ކުރި ތަޖުރިބާ އިން އަހަންނަށް އެނގިގެންދިޔަ ކުޑަ ވަގުތު ދުވަސްކޮޅަކަށް ބޭނުންކޮށްލާ ޕްލާސްޓިކްގެ ސަބަބުން އަހަރެމެންގެ ކަނޑުތަކަށްކުރާ ބޮޑެތި ގެއްލުން،" ކްރިސް ހެމްސްވޯތް އޭނާގެ އިންސްޓްގުރަމް އެކައުންޓުގައި މީގެ ދެ ދުވަސް ކުރިން ހިއްސާ ކޮށްފައިވާ ފޮޓޯއެއްގައި ބުނެފައިވެއެވެ.

ނަމަވެސް ރާއްޖޭން އޭނާއަށް ލިބުނީ ކޮން ތަޖުރިބާއެއް ކަމެއް އޭނާ ބުނެފައެއްނުވެ އެވެ.

ޕާލޭގެ އެމްބެސެޑަރުގެ ހައިސިއްޔަތުން ހެމްސްވޯތް، ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން މީހުންނަށް އުނގަންނައިދީ އެކަމަށް ހޭލުންތެރިކުރުވާނެއެވެ.

މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ހެމްސްވޯތް ވާހަކަދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ ގޮނޑުދޮށް ސާފުކުރުމުގައި ހަރަކާތްތެރިވާ ސަސްޓެއިނަބަލް ކޯސްޓްލައިންސް ހަވާއީގެ މެމްބަރަކާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އޭގެ އިތުރުން ގަވާއިދާ ހިލާފަށް މަސް ބޭނުމުގެ ސަބަބުން ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުމަކާ ގުޅޭ ގޮތުންނާއި ބޮޑުމަސް ހިފުމާ ދެކޮޅަށް ވެސް އޭނާ ވަނީ މީގެ ކުރިން އަޑު އުފުލާފައެވެ.

comment ކޮމެންޓް