އެމެރިކާ ޓެރަރިސްޓުންނާ ގުޅިގެން އުޅޭހާ ހިނދަކު އެމެރިކާއަށް އެއްބާރުލުން ނުދޭނަން: އުރުދުޣާން

އުރުދުޣާން

އިސްތަންބޫލް (މޭ 19) : ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ އައްރިއްޤާ ސިޓީ އެޖަމާއަތުގެ އަތްދަށުން މިނިވަންކުރުމަށް އެމެރިކާ އިސްވެ އޮވެގެން ކުރާ ހަނގުރާމައަށް އެއްބާރުލުން ނުދޭނެކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އައްރިއްޤާ ސިޓީ އައިއެސް ޖަމާއަތުގެ އަތްދަށުން މިނިވަންކުރަން ތުރުކީ ތާއީދުކުރި ނަމަވެސް އެކަންކުރަން އެމެރިކާ އުޅެނީ ޓެރަރިސްޓުންނާ ގުޅިގެންކަމަށްވާތީ އެކަމަށް އެއްބާރުލުން ދެވެންނެތް ކަމުގައެވެ.

އައްރިއްޤާ ސިޓީ މިނިވަންކުރަން އެމެރިކާ މަސައްކަތްކުރަނީ ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ބާރުތަކާ ގުޅިގެންނެވެ. މިއީ "ކާޑިޝްޕީޕަލް ޕްރޮޓެކްޝަން ޔުނިޓްސް" ނުވަތަ ކުރުދީ ދަރިކޮޅުގެ ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކެކެވެ. މިޖަމާއަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ ޖަމާއަތަކީ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އެވެ. އެމެރިކާ ގެންދަނީ ފާޅުގައި މިޖަމާއަތަށް ޒަމާނީ ބަރުހަތިޔާރާއި ތަމްރީނާއި ފައިސާ ފޯރުކޮށްދެމުންނެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ދާދިފަހުންވަނީ ގައުމުތަކުގެ ސިފައިންގެ ލަޝްކަރުތަކަށް ދޭ ފެންވަރުގެ ޒަމާނީ ބަރުހަތިޔާރު "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަށް ފޯރުކޮށް ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވިކަން ރަސްމީކޮށް އިޢްލާން ވެސް ކޮށްފައެވެ.

ތުރުކީއަކީ ކުރުދީންގެ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަމުންދާ ގައުމަކަށްވެފައި ކުރުދީންނަށް މިނިވަންދައުލަތެއް އުފެދުމަކީ ތުރުކީގެ ގައުމީ މަސްލަހަތާ އިދިކޮޅު ކަމެއްކަމުން ތުރުކީ ދެކެނީ ކާޑިޝްޕީޕަލް ޕްރޮޓެކްޝަން ޔުނިޓްސް ތަކާ އަދި އެޔުނިޓްތަކުގެ ތެރޭގައި ހިމެނޭ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަކީ ޓެރަރިސްޓުން ކަމުގައެވެ. އަދި ތުރުކީގައި ނިކަމެތިކޮށްލާފައިވާ ކުރުދީންގެ ހައްގުތައް ހޯދުމަށްޓަކައި ކުރުދީން ހިންގާ ކޮންމެ ހަރަކާތަކީ ވެސް ޓެރަރިޒަމްގެ އަމަލެއް ކަމަށް ތުރުކީ ގެންދަނީ ސިފަކުރަމުންނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިދިޔަ ހޯމަދުވަހު އެމެރިކާއަށް ވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕާ ކުރެއްވި މަޝްވަރާތަކުގައި ސޫރިޔާގެ ކުރުދީ ބާރުތަކަށް އަދި ޚާއްސަކޮށް "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" ހަތިޔާރު ދޭން އެމެރިކާ ނިންމި ނިންމުމުގެ ޚުތޫރަތްތެރިކަމާއި އެކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވި ނަމަވެސް ޓްރަމްޕް އެކަމަށް އަޅާނުލެއްވި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވެއެވެ. މިއާއެކު ރައީސް އުރުދުޣާންވަނީ ތުރުކީގެ އަމަނާއި ގައުމީ ސަލާމަތް ކުރުމަށް ޓަކައި އަސްކަރީ ގޮތުންނާއި އެނޫންގޮތްގޮތުން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް ކުރުދީ ބާރުތަކާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު އެމެރިކާއަށް ދެއްވާފައެވެ.

ފާއިތުވި ދެތިން މަސްތެރޭގައި "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އިންވަނީ އައިއެސް ޖަމާއަތާ ހަނގުރާމަކޮށް ސޫރިޔާގެ އުތުރުގެ ބޮޑުބަޔަކުން އައިއެސް ގެ ހަނގުރާމަވެރިން ފައްސާލައި އައިއެސްގެ އެތަށް ސަތޭކަ ހަނގުރާމަވެރިން މަރާލައި އެމެރިކާގެ އިތުބާރު ހޯދައިފައެވެ. މިއާއެކު އެމެރިކާގެ އަސްކަރީ އެހީއާއެކު "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އިން ގެންދަނީ އައިއެސް ޖަމާއަތުގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ އައްރިއްޤާ ސިޓީން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައި އެސިޓީ މިނިވަންކުރުމުގެ ހަނގުރާމަ ފެށުމަށް ތައްޔާރުވަމުންނެވެ. އައިއެސް ޖަމާއަތް އުފައްދައި އެޖަމާއަތަށް އެހީތެރިވެ އަދި އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރާކަމުގެ ތުހުމަތު ކުރެވެނީވެސް އެމެރިކާގެ މައްޗަށެވެ. އެމެރިކާ އައިއެސް އާ ހަނގުރާމަކުރަނީ އޮޅުވާލުމެއްގެ ތެރެއިންކަމަށްވެއެވެ.

އިސްތަންބޫލްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ އެމެރިކާ ޓެރަރިސްޓުންނާ ގުޅިގެން އުޅޭހާ ހިނދަކު އައްރިއްޤާ މިނިވަންކުރުމުގައި ތުރުކީގެ ބައިވެރިވުން ނޯންނާނެކަމަށާ އެކަމުގައި އެމެރިކާއަށް އެއްބާރުލުންވެސް ނުދޭނެ ކަމުގައެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި އެމެރިކާއާއި ގަރަތާއި ސައޫދީ އާ ގުޅިގެން ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދިޔައީ ތުރުކީންނެވެ. ނަމަވެސް 6 އަހަރުގެ ހަނގުރާމައަކަށްފަހުވެސް ބައްޝާރުގެ ވެރިކަން ވައްޓާނުލެވުމުން ތުރުކީވަނީ މާޔޫސްވެފައެވެ.

މިއާއެކު ސޫރިޔާގެ އުތުރުގައި އެމެރިކާގެ އެހީއާއެކު ކުރުދީންގެ ދައުލަތެއް އުފައްދަން މަސައްކަތްކުރާކަމުގެ އިޙްސާސް ތުރުކީއަށް ކުރެވުމުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ތުރުކީ މިހާރު އިސްކަން ދެނީ ކުރުދީންނާ ހަނގުރާމަކޮށް ކުރުދީން ބަލިކޮށްލުމަށެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ޓަކައި އައިއެސްގެ ޓެރަރިސްޓުންނަށް އެހީތެރިވި ކަމުގެ ތުހުމަތުވެސް ތުރުކީގެ މައްޗަށް ވަނީ ކުރެވިފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު