Sun Online
އިންޑޮނޭޝިއާގެ "ރެއިންބޯ ވިލެޖް" ދުރުން ބަލާލާއިރު ފެންނަ ގޮތް ---
އިންޑޮނޭޝިއާގެ "ރެއިންބޯ ވިލެޖް" ދުރުން ބަލާލާއިރު ފެންނަ ގޮތް ---

ނިކަމެތިކޮށް އޮތް އިންޑޮނޭޝިއާގެ މި އަވަށަކީ މިއަދު "ރެއިންބޯ ވިލެޖް"އެއް

މުހައްމަދު ސިމާއު
ލިޔުނީމުހައްމަދު ސިމާއު

ކޮންމެ މީހަކަށް ނުވަތަ ތަނަކަށް ވެސް ވަގުތާ ހާލަތަށް ބަލާ ބަދަލުތަކެއް އަންނަޖެހެއެވެ. ރަށާއި އަވަށްތައް ވެސް އެކަމުގައި އިސްތިސްނާއެއް ނުވެއެވެ. މިދިޔަ މަހުގެ ތެރޭގައި އިންޑޮނޭޝިއާގެ ދެކުނުގައި އޮންނަ ރަންޑުސާރީގެ ނިކަމެތިކޮށް އޮތް އަވަށެއް ވެސް މިވަނީ ވިއްސާރަ ދުނިތަކުގެ ކުލަތަކުން ޖަރީ ކޮށްލާފައެވެ.

ފަތުރުވެރިންގެ މަންޒިލަކަށް ހެދުމަށް އެއަވަށުގެ ލޯކަލް ކައުންސިލް ކޮމެޓީގެ އިސްނެގުމުގެ މަތިން 300،00،00 އިންޑޮނޭޝިއަން ރުޕިއާ (346،404 ދިވެހި ރުފިޔާ) ހަރަދުކޮށްގެން އެ އަވަށުގެ ހުރިހާ ގެއެއް ވެސް ވަނީ ރެއިންބޯގެ ކުލަތަކުން ޒީނަތްތެރި ކޮށްފައެވެ.

އިންޑޮނޭޝިއާގެ "ރެއިންބޯ ވިލެޖް"ގެ އެހާރާއި މިހާރު ---

"ރެއިންބޯ ވިލޭޖް"ގެ ނަމުން މަޝްހޫރު އެ އަވަށުގެ 232 އަށްވުރެ ގިނަ ގޭގައި ކުލަ ލާ ޒީނަތްތެރިކުރުމަށް މަހަކަށްވުރެ ގިނަ ދުވަސް ނެގިއިރު، ކައިރި އަވަށްތަކުގެ މޭޔަރުން ވެސް ވަނީ ގެތަކުގައި ކުލަ ލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.

ދުރުން ބަލާލާއިރު އެ އަވަށުގެ ގެތަކާއި މަގުތަކުގެ ފާރުގައި ރެއިންބޯގެ ކުލަތަކުން ޒީނަތްތެރި ކޮށްފައިހުރި ނަމަވެސް، ކައިރިން ބަލާއިރު މަގުތަކުގައި އެކިކަހަލަ ކުރެހުން ވެސް ކުރަހާފައި ހުރެއެވެ. އަދި މަގުތަކުގައިވެސް ވަނީ ކުލަ ލާފައެވެ.

އިންޑޮނޭޝިއާގެ "ރެއިންބޯ ވިލެޖް"ގެ ފާރެއްގައި ކުރަހާފައިވާ ކުރެހުމެއް ---

އަވަށުގެ ރައްޔިތުންނާއި ކައުންސިލުން ނުކުމެ ކުރި ބުރަ މަސައްކަތް ރަނގަޅަށް ވެސް ވަނީ ވައިގަ ހިފާފައެވެ. ސޯޝަލް މީޑިއާގައި މިއަދު "ރެއިންބޯ ވިލެޖް" އަކީ ކޮންމެހެން ބަލާލަންޖެހޭ މަންޒިލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ މީހުން އެ އަވަށަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.

×
DB released.