'102 ނޮޓް އައުޓް' ގެ ފަސްޓް ލުކް!

ސައްބީސް އަހަރު ފަހުން އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު '102 ނޮޓް އައުޓް' ގެ ފަސްޓް ލުކް ދައްކާލައިފި އެވެ.

ޓުވިޓާ މެދުވެރިކޮށް ފިލްމުގެ ފަސްޓް ލުކް އާންމުކޮށްފައި ވަނީ ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް އެވެ.

އުމޭޝް ޝުކްލާގެ '102 ނޮޓް އައުޓް' ގައި އަމީތާބް އަދާކުރާނީ އުމުރުން 102 އަހަރުގެ މީހެއްގެ ރޯލެވެ. އަދި ރިޝީ ފެނިގެންދާނީ އަމީތާބްގެ ދަރިފުޅުގެ ރޯލުންނެވެ.

އަމީތާބް އުމުރުން ރިޝީއަށް ވުރެ 10 އަހަރު ދޮށީ ނަމަވެސް، ދެމީހުން މީގެ ކުރިން ފިލްމުތަކުގައި ފެނިގެން ގޮސްފައި ވަނީ ދެބެންގެ ރޯލުތަކުންނެވެ. ފިލްމުގެ ފަސްޓް ލުކް އިން ވެސް ފިލްމު ތަފާތު ވާނެކަން ވަނީ ހާމަވެގެން ގޮސްފަ އެވެ.

ގިނަ އަހަރުތަކެއް ފަހުން އަމީތާބް އާއެކު ފިލްމެއް ކުޅެލަން ލިބުމުން އެކަމާ އުފަލުން ހުރި ކަމަށް ރިޝީ ވަނީ ބުނެފައެވެ. ރިޝީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އަމީތާބް އާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ވަރަށް ބޮޑު ފަޚުރަކާއި އުފަލެއް ލިބޭ ކަމެއް ކަމަށެވެ.

އަމީތާބް އާއި ރިޝީ ވަނީ 'ނަސީބް'، 'ކަބީ ކަބީ' އަދި 'އަމަރް އަކްބަރް އެންތަނީ' ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. ދެ މީހުން އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 1991 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'އަޖޫބާ' އިންނެވެ.

comment ކޮމެންޓް