Sun Online
ޑައިން މެގަޒިން: އެފްއެންބީ ޝޯގައިވެސް އެ މަޖައްލާއިން ބައިވެރިވޭ--- ސަން ފޮޓޯ: މުހައްމަދު އަފްރާހު
ޑައިން މެގަޒިން: އެފްއެންބީ ޝޯގައިވެސް އެ މަޖައްލާއިން ބައިވެރިވޭ--- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ޑައިން: ކާބޯތަކެއްޗަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ޓެބްލޮއިޑް!

ފަތުހުﷲ ޔާމީން ސައީދު
ލިޔުނީފަތުހުﷲ ޔާމީން ސައީދު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ދިގު ތާރީޚުގައިވެސް ނުވެ އޮތް އެއް ކަމަކީ ކާބޯތަކެއްޗާ ބެހޭ މައުލޫމާތާއި ރެސިޕީތަކާއި އެނޫނަސް އެ ދާއިރާއާ ގުޅުން ހުރި ކަންކަން ގެނެސްދޭ މަޖައްލާއެއް ނެރުމެވެ. ނަމަވެސް މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފެނި މިހާރު މޯލްޑިވްސް ޕަބްލިކޭޝަންސްއިން މިވަނީ އެފަދަ މަޖައްލާއެއް ޓެބްލޮއިޑެއް ގޮތުގައި ނެރެފައެވެ.

"ޑައިން"ގެ ނަމުގައި ކޮންމެ ދެމަހުން އެއް މަހު ނެރޭ މި މަޖައްލާއަކީ މޯލްޑިވްސް ޕަބްލިކޭޝަންސްއިން ނެރޭ ދެވަނަ މަޖައްލާއެވެ.

"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް ޕަބްލިކޭޝަންސްގެ ސީއީއޯ މަޝްހޫދު އަބްދުﷲ ވިދާޅުވީ ޑައިން މީގެ ކުރިން ނެރުނީ އާދައިގެ މެގަޒިނެއް ގޮތަށް ކަމަށެވެ. ނަމަވެސް މިހާރު މަޖައްލާ ރިބްރޭންޑުކޮށް، ނެރެނީ "ފުޑް ޖާނަލް"އެއްގެ ގޮތުގައި ކަމަށާއި އެ ޖާނަލްގެ ކޮންސެޕްޓަކީ "ޓެބްލޮއިޑް" ކޮންސެޕްޓު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން ނެރުނީ ޑައިން ހަމަ އެ ނަން ބޭނުން ކޮށްގެން. މިހާރު ރިބްރޭންޑު ކުރީމަ މީގެ ސައިޒު މީނީ ބޮޑުވެފަ. އޭ ތުރީ ސައިޒަށް. އޭގެ އިތުރުން މިހާރު ނެރެނީ ފުޑް ޖާނަލެއް ގޮތަށް. ކުރިން ނެރުނީ ފުޑް މެގަޒިނެއް ގޮތަށް،" މަޝްހޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަޖައްލާގައި ބޮޑަށް ހިމަނާފައިވާނީ، ނުވަތަ ހިމަނަނީ ފުޑް ރިވިއުސްތަކާއި ފުޑް ރެސިޕީ އަދި ފުޑް ސޭޕްޓީ އާޓިކަލް ފަދަ އާޓިކަލްތައް ކަމަށެވެ.

އެ މަޖައްލާއަށް މަޝްހޫރު ބައެއް ޝެފުން ކޮންޓްރިބިއުޓް ކުރާއިރު، މިހާރު މިމަސްތެރޭގައި ނެރުނީ އެ މަޖައްލާގެ ހަތަރު ވަނަ މެގަޒިނެވެ. އެއީ ރިބްރޭންޑު ކުރުމަށްފަހު ނެރުނު ފުރަތަމަ މަޖައްލާއެވެ.

"މިހާރުވެސް މި ޖާނަލަށް ކޮންޓްރިބިއުޓް ކުރަމުން އެބަދޭ އެފްއެޗްއޭއެމްގެ ފަރާތުންވެސް. އެއީ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާގެ ފަރާތުން. ޝެފް މޯލްޑިވްސްގެ ފަރާތުންވެސް އަޅުގަނޑުމެންނަށް ކޮންޓްރިބިއުޓް އެބަ ކުރޭ އާޓިކަލްތައް. އޭގެ އިތުރުން އަދި އަމިއްލަ ޝެފުންވެސް އެބަ އެޕްރޯޗް ކުރޭ އަޅުގަނޑުމެންނަށް،" މަޝްހޫދު ވިދާޅުވިއެވެ.

ޑައިން މަޖައްލާގެ ފުރަތަމަ އެޑިޝަން ނެރުނީ މިއަހަރުގެ ރޯދައަށް ޚާއްސަކޮށްގެންނެވެ. ރޯދައަށް ޚާއްސަކޮށްގެން ޖުމްލަ 2،500 ކޮޕީ ޕްރިންޓު ކޮށްފައިވާއިރު، މެގަޒިން ލިބެން ހުންނާނީ ރާއްޖޭގެ ހުރިހާ ކެފޭތަކާއި ރެސްޓޯރެންޓު ފަދަ ތަންތަނުންނެވެ.

"މި މެގަޒިން ލިބޭނެ ލޯންޖު ތަންތަނުންނާއި އެއާޕޯޓުގައިވެސް ހުންނާނެ. އެފްއެންބީ އައުޓްލެޓްތަކުންވެސް ލިބޭނެ. ރާއްޖޭގެ ހުރިހާ ރެސްޓޯރެންޓުތަކުން ލިބޭނެ. ގެސްޓް ހައުސްތަކުން ލިބޭނެ. ހަމަ ފްރީ ކޮޕީތަކެއް މި ދެނީ،" މަޝްހޫދު ވިދާޅުވިއެވެ.

އޭތުރީ ސައިޒަށް ނެރޭ "ޑައިން - ދަ ފުޑް ޖާނަލް"ގައި އިސްތިހާރު ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. އެ މަޖައްލާގައި އިސްތިހާރު ކުރަނީވެސް ކާބޯތަކެއްޗާ ބެހޭ ތަކެއްޗާއި ކަންކަމެވެ.

ހައިރައިޒް އިން އިންތިޒާމުކޮށްގެން އާޓްގެލެރީގައި އިއްޔެ ފެށި ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގައިވެސް ޑައިން މަޖައްލާ އެބަ ދައްކާލައެވެ. މިފަދަ މަޖައްލާއެއް ރާއްޖޭގައި ނެރެން ފަށާފައިވާއިރު މީގެ އެތައް ފައިދާއެއް ރާއްޖޭގެ އެފްއެންބީ ދާއިރާއަށް ކުރާނެކަން ކަށަވަރެވެ.

ޑައިންގެ އިތުރުންވެސް މޯލްޑިވްސް ޕަބްލިކޭޝަންސްއިން އިތުރު މަޖައްލާއެއް ނެރެއެވެ. އެއީ ދަ އައިލެންޑް ޗީޕް މަޖައްލާއެވެ. އޭޓޫ ސައިޒަށް ނެރޭ އެ މަޖައްލާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިނގާ ކަންކަން ގެނެސްދޭ މަޖައްލާއެކެވެ.

infinity loading...
×
DB released 01.