ނަރުސްކަމަކީ އިސްލާމްދީން އެކަމުގެ އަގުވަޒަން ކުރާ ކަމެއް: ޚުތުބާ

އިސްލާމީ ތާރީޚުގައި މުސްލިމުންނަށް ނަޞްރު ލިބުނު ބޮޑެތި ހަނގުރާމަތަކުގައި ޒަހަމްވި ބޭބޭފުޅުންނަށް ޚިދުމަތް ކުރުމުގައި ނަރުހުންގެ ދައުރު ބޮޑުކަމަށާއި، ނަރުސް ކަމަކީ އިސްލާމްދީން އެކަމުގެ އަގުވަޒަން ކުރާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ނަރުހުންގެ ޚިދުމަތާއި އާންމު ސިއްޙަތު" މި މައުޟޫއަށް ދެއްވި ހުކުރު ޚުތުބާގައި ބުނީ މި ޒަމާނުގައި ނަރުހުންގެ ދުވަހެއް ފާހަގަކޮށް ނަރުހުންގެ އަގު ވަޒަން ކުރާއިރު ކީރިތި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެ ނަމޫނާ މާ ކުރިން ދައްކަވާފައި ކަމަށެވެ.

"ނަރުސް ކަމަކީ އިންސާނީ ޚިދުމަތެކެވެ. މިއީ އިސްލާމް ދީން އެކަމުގެ އަގު ވަޒަންކުރާ ކަމެކެވެ،" ޚުތުބާގައި ބުންޏެވެ.

އިސްލާމީ ތާރީޚުގައި ހިނގައިދިޔަ ބޮޑެތި ހަނގުރާމަތަކުގައިވެސް އެކި ގޮތް ގޮތުން ކަނބަލުން ބައިވެރިކުރުވި ކަމަށްވެސް ޚުތުބާގައި ބުންޏެވެ. އެގޮތުން މުޖާހިދުންގެ ތެރެއިން ހަނގުރާމައިގެ މައިދާނުގައި ޒަޚަމްވާ މީހުންގެ ޒަޚަމްތަކުގައި ބޭސް އަޅައިދިނުމަށާއި ޒަޚަމްތަކުން އޮހޮރެމުންދިޔަ ލޭ މަނާކުރުމުގެ މަސައްކަތް ކުރުމުގައިވެސް ރަސޫލާގެ ޞަހާބިއްޔާތުން ބައިވެރިވި ކަމަށް ޚުތުބާގައި ބުންޏެވެ.

"މުޖާހިދުންނަށް އިންސާނީ އެހީތެރިކަން ބޭނުންވި ހިނދު ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެކަނބަލުން ހަނގުރާމައިގައި ބައިވެރިކުރުވާފައެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނި ގޮތުގައި އިސްލާމީ އުއްމަތުގައި އެންމެ އިސް ނަރުހަކީ ބަދުރު ހަނގުރާމައާއި އުހުދު ހަނގުރާމަ، ޚަންދަގު ހަނގުރާމަ އަދި ޚައިބަރު ހަނގުރާމައިގައި ނަރުހުންގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ރުފައިދާ އަލް އަންސާރިއްޔާ އެވެ. އަދި އެ ހަނގުރާމަތަކުގައި އެކަމަނާ އިންސާނީ ޚިދުމަތް ކުރެއްވީ ހިލޭ ސާބަހަށް ކަމުގައިވެސް ޚުތުބާގައި ބުންޏެވެ.

މިއަދުގެ ނަރުހުންނަށް ނަސޭހަތްތެރިވަމުން ޚުތުބާގައި ބުނީ މާތްﷲ ރުއްސުން ލެއްވި ރުފައިދާ ފަދަ ސަހާބީ ބޭކަނބަލުންގެ ނަމޫނާއިން ފައިދާ ލިބިގަނެގެން އަޅުގަނޑުމެންގެ މިއަދުގެ މުސްލިމް ނަރުހުން އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ވާދަ ކުރަންވީ ކަމަށެވެ.

comment ކޮމެންޓް