ކޮޅުވެއްޓި އަދިވެސް ނުފެނޭ، ވައިގެ މަގުން ހޯދުމުގެ މަސައްކަތް ފަށައިފި

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރު --- ސަން ފައިލް ފޮޓޯ

ކ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ހަ މީހުންނާ އެކު ދަތުރު ކުރި ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން ޓީއެމްއޭގެ ސީޕްލޭނެއްގައި ސިފައިން އެކޮޅުވެއްޓި ހޯދަން ފަށައިފިއެވެ.

"މާރިޔާ-3" ނަމަކަށް ކިޔާ އެ ކޮޅުވެއްޓި ގެއްލިގެން ރިޕޯޓުކޮށްފައިވަނީ، އިއްޔެ ހަވީރު އެވެ. އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ 9:30 ގައި ކަމަށް އެ އުޅަނދުގެ ވެރިފަރާތުން ބުނާ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، ހެލިކޮޕްޓަރު ބޭނުން ކޮށްގެން ވައިގެ މަގުން ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށާފައިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރުގެ އިތުރުން ޓީއެމްއޭގެ ސީޕްލޭނަކާއި ކޯސްޓުގާޑުގެ "ހުރަވީ" އާއި އެހެނިހެން އުޅަނދުފަހަރު ބޭނުންކޮށްގެން ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ގެއްލުނު ކޮޅުވެއްޓީގައި ބިދޭސީ ހަތަރު މީހުންނާއި ދިވެހި އަންހެނަކާއި ފިރިހެނަކާ އެކު ޖުމްލަ ހަ މީހުން ތިބިކަމަށް މައުލޫމާތު ލިބޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޕްރައިވެޓް ލިމިޓެޑްގެ އެ ކޮޅުވެއްޓިއަކީ 168 ފޫޓުގެ ގަދަ ފެހިކުލައިގެ އުޅަނދެކެވެ.

comment ކޮމެންޓް