އެފްއެންބީ ޝޯ: ފުރަތަމަ ދުވަހުގެ ނަސީބުވެރިން ހޮވައިފި

އެފްއެންބީ ޝޯގެ މިއަދުގެ ގުރުއަތުލުން ނަގަނީ --- ފޮޓޯ: ހައިރައިޒް

ހައިރައިޒްއިން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓްގެލެރީގައި ކުރިއަށް ގެންދާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ ފުރަތަމަ ދުވަހުގެ ނަސީބުވެރިން ހޮވައިފިއެވެ.

ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ 11:00 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އެ ޝޯ ބާއްވާ ތިން ދުވަހުވެސް ގްރޭންޑް ލަކީ ޑްރޯއެއް ނަގަން ވަނީ ހަމަޖައްސާފައެވެ.

ގްރޭންޑް ލަކީ ޑްރޯގައި ބައިވެރިވެވެނީ އެ މައުރަޒަށް ޒިޔާރަތްކޮށްގެންނެވެ. ކޮންމެ ދުވަހަކުވެސް އެ ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް އަގުބޮޑެތި ގިފްޓް ހެމްޕާސް ދޭން ވަނީ ހަމަޖައްސާފައެވެ. އެ ގިފްޓް ހެމްޕާސްތައް ސްޕޮންސާ ކުރަނީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުންނެވެ.

އެގޮތުން ރޭ ހަ ނަސީބުވެރިން ހޮވި އިރު، ބެރީ ކޮމްޕެނީގެ ގިފްޓް ހޭމްޕާ ލިބުނީ މުހައްމަދު މާޒިނާއި އައިޝަތު ވަރުދާ އަށެވެ. ލޮޓަސް ފިހާރައިގެ ފަރާތުން ދޭ ގިފްޓް ހޭމްޕާ މީކާއިލް އަށް ލިބުނު އިރު ސާޕާސް ކެނޯޕަސްގެ ފަރާތުން ދޭ ކޮފީ މެޝިން ލިބުނީ ޒަޔާން އަށެވެ. އަދި ހޮބްސަންސް ޗޮއިސްގެ ފަރާތުން ދޭ ގިފްޓް ހޭމްޕާ މަފާޝިލް އަށް ލިބުން އިރު ޔުނައިޓެޑް ފުޑް ސަޕްލައިސްގެ ފަރާތުން ދޭ ގިފްޓް ހޭމްޕާ ލިބުނީ އަހުމަދު ސުހައިލް އަށެވެ.

ހައިރައިޒްގެ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނައްވާފް ރަޝީދު ވިދާޅުވީ ނަސީބުވެރިންނަށް މާދަމާ ޝޯ ފެށޭ ގަޑީގައި އިނާމުތައް ހަވާލުކޮށްދެއްވާނެ ކަމަށެވެ.

އެފްއެންބީ ޝޯ އަކީ ކާބޯތަކެތީގެ ބާވަތްތައް ހިމަނައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި ބައިވެރި ކުރުވަނީ ހަމައެކަނި ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން، މައުރަޒުގައި ބައިވެރިވާ ކުންފުނިތަކުން ޕްރޮމޯޓުކުރާ ޕްރޮޑަކްޓުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ޒިޔާރަތްކުރާ ފަރާތްތަކަށް އޮވެއެވެ.

މިއަހަރުގެ މައުރަޒުގައި 15 ކުންފުންޏަކުން ބައިވެރިވާ އިރު، ރާއްޖޭގައި މިހާތަނަށް ނެރޭ، އަދި ނެރުނު ހަމަ އެކަނި ކާބޯތަކެތީގެ ޓެބްލޮއިޑްވެސް ވަނީ އެ މައުރަޒުގެ ތެރޭގައި ލޯންޗުކޮށްފައެވެ.

ޝޯގައި ބައިވެރިވާ ފަރާތްތައް:

  1. ހޮބްސަންސް ޗޮއިސް
  2. ފޭންސީ ފުޑްސް
  3. ފުޑް ހަބް
  4. ސްޓެލްކޯ ފެން
  5. ޔޫރޯ ސްޓޯރ
  6. ކެފޭ ޑި އިޓާލިއާ
  7. ދަ ބެރީ ކޮމްޕެނީ
  8. ޑައިން
  9. ލިލީ އިންޓަނޭޝަނަލް
  10. އޮންދިގޯ
  11. ވީއެޗް ހޯލްޑިނގްސް - މޫވެންޕިކް
  12. ލޮޓަސް
  13. ޑިވައިން
  14. ޔުނައިޓެޑް ފުޑް ސަޕްލަޔާސް
  15. ކޮކާކޯލާ

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޝޯގެ ތެރެއިން ކޮންމެ ރެއަކުވެސް މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން މިރޭ ހަބޭސް ބޮޑު ބެރުގެ ހަރަކާތްތައް ދައްކާލި އިރު މާދަމާ ރޭ ރޮބޯ މޭންއާއި "ޝޭޑީޖޭީ"ގެ ހަރަކާތްތައްވެސް ފެނިގެންދާނެ އެވެ. އަދި މައުރަޒުގެ ފަހު ދުވަހު މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި، އިބްރާހިމް ވަހީދު (ބޮޑުބެ)ގެ ހުށަހެޅުންތައްވެސް ފެނިގެންދާނެ އެވެ.

އެފްއެމްބީ ޝޯގެ މިއަހަރުގެ މައުރަޒުގެ މެއިން ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ. ކޯ ސްޕޮންސަރުންނަކީ އޮންދިގޯ މޯލްޑިވްސް އާއި ލޮޓަސް ފިހާރައެވެ. އަދި މިދިޔަ އަހަރާއި މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.

comment ކޮމެންޓް