21 މީހަކާ އެކު މަހަށް ދިޔަ ދޯންޏެއް ގިރިއަކަށް އަރައިފި

އެކާވީސް މީހުންނާއެކު މަސްވެރިކަމަށް ނުކުތް ދޯންޏެއް ގދ.ތިނަދޫ ކައިރީ އޮތް ގިރިއަކަށް އަރާފައި --- ފޮޓޯ: އެމްއެންޑީއެފް

އެކާވީސް މީހުންނާއެކު މަސްވެރިކަމަށް ނުކުތް ދޯންޏެއް ގދ.ތިނަދޫ ކައިރީ އޮތް ގިރިއަކަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ "ވަނަ ދޯނި" ނަމަކަށް ކިޔާ ދޯނި ގިރިއަކަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިރޭ ގާތްގަނޑަކަށް 21:47 ހާއިރު ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ދިޔަ ހިއްކާ ޕަމްޕާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ދޯނި އޮތް ސަރަޙަދަށް ގޮސް ދޯނީގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ްއެމްއެންޑީއެފް އިން ބުނީ އެހާދިސާގައި ހިނގިއިރު ދޯނީގައި ތިބި 21 މީހުން ކުރެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ދޯންޏަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް