އެމްޓީސީސީގެ ބޯޑު ކުޑަކުރުމާއި ހިއްސާގެ އަގު ދަށްކުރާ ހުށަހެޅުން އަނބުރާ ގެންގޮސްފި

އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު ދަށްކުރުމަށާއި ރައިޓްސް އިޝޫކުރުމަށް އެ ކުންފުނީގެ އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންގެ އަދަދު 10 އިން 7 އަށް މަދުކުރުމަށް، ހިންގާ ގަވައިދަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ، އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި، އެ ކުންފުނީގެ ޗެއާމަން އަހްމަދު ނިޔާޒް ވިދާޅުވީ، އެ އިސްލާހު އަނބުރާ ގެންދިއުމަށް ނިންމީ، މިރޭ ސީއެމްޑީއޭ އިން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ނިޔާޒު ވިދާޅުވީ، ސީއެމްޑީއޭއިން ބުނިގޮތުގައި، އެކަންކަމުގައި ކޯޕަރޭޓް ގަވަނަންސްގެ ބައެއް ކަހަލަ މައްސަލަތައް ހުރި ކަމަށާއި، އެހެންކަމުން އެ އިސްލާހަށް މިރޭ ވޯޓަށް ނާހާނޭ ކަމަށެވެ.

އެހެން ނަމަވެސް އެކަންކަން ފިޔަވައި، ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާ އެހެން އިސްލާހުތަކަށް މިރޭ ވޯޓަށް އަހާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނީގެ ހިއްސާގެ މޫނުމަތީގެ އަގު ދަށްކުރުމާއި، ޑިރެކްޓަރުންގެ ބޯޑު ކުޑަކުރުމަށް ހުށަހެޅި އިސްލާހާގުޅިގެން، ބައެއް ހިއްސާދާރުން މިރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑަބްލިއުޓީއެމް ކަނެކްޓް އޭޝިއާގައި ދިވެހި ކުންފުނިތައް --- ފޮޓޯ/ މަޓާޓޯ

އެގޮތުން އެ އިސްލާހަކީ ކުންފުނީގެ ކޮންޓްރޯލް، މުޅި ސަރުކާރުގެ ދަށަށް ގެންދިއުމަށްޓަކައި ރާވަމުންދާކަމެއް ކަމަށް ބައެއް ހިއްސާދާރުން ތުހުމަތުކުރިއެވެ.

ބައެއް ހިއްސާދާރުން ފާޅުކުރި ޚިޔާލުތަކާ ދެކޮޅު ހައްދަވަމުން ޗެއާމަން ނިޔާޒް ވިދާޅުވީ، އެއީ އެފަދަ މަގުސަދެއްގައި ކުރާކަމެއް ނޫންކަމަށެވެ. އަދި އެ އިސްލާހަށް މިރޭ ވޯޓަށް ނޭހުމަށް ނިންމާފައިވާކަމަށްވެސް ނިޔާޒް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.

comment ކޮމެންޓް