ސަތޭކަ ފަސްދޮޅަސް އަށްފޫޓުގެ ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަނީ!

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރު: 168 ފޫޓުގެ ފެހިކުލައިގެ ކޮޅުވެއްޓިއެއް ގެއްލިގެން އެ އުޅަނދު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން --- ސަން ފައިލް ފޮޓޯ

ކ. ތުލުސްދޫ އިން ފުރައިގެން ތުނޑިއަކަށް ދަތުރުކުރި ކޮޅުވެއްޓިއެއްގެ ޚަބަރެއް ނުވެގެން އެ އުޅަނދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ވިދާޅުވީ، އެ ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެރޭ 9:30 ގައި ކަމަށެވެ.

އާޒިމް ވިދާޅުވީ އެ އުޅަނދަކީ ސެނޮކް ޕަރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ އުޅަނދެއް ކަމަށެވެ.

ސަތޭކަ ފަސްދޮޅަސް އަށްފޫޓުގެ ބޮޑު އެ އުޅަނދު ގެއްލިގެން ހޯދާއިރު އޭގައި ޖުމްލަ ހަތަރު މީހަކު ތިބިކަމުގެ މައުލޫމާތު ލިބޭކަމަށް ކެޕްޓަން އާޒިމް ވިދާޅުވި އެވެ.

އެގޮތުން ބިދޭސީ ހަތަރު މީހުންނާއި ދިވެހި އަންހެނަކާއި ފިރިހެނެއް ތިބިކަމުގެ މައުލޫމާތު ލިބޭކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ އުޅަނދަކީ ފެހިކުލައިގެ "މާރިޔާ 3" ނަމަކަށް ކިޔާ އުޅަނދެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސް އިރު، މިއަދު ވަނީ އދ. އޮމަދުއަށް ދަތުރު ކުރަމުންދިޔަ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް އަލި ހުރަސް ކަނޑަށް އަޑިއަށް ގޮސްފަ އެވެ.

އެ ދޯނި އަޑިއަށް ދިޔައިރު އޭގައި 10 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ 10 މީހުން ކަނޑުވެފައި ތިއްބާ ލޯންޗަކުން ވަނީ އެ މީހުން ސަލާމަތްކޮށް، އދ. އޮމަދޫއަށް ގެންގޮސްފަ އެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދައިރު، މޫސުމަށް ބަލައިގެން ދަތުރުކުރަން ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް