ރައީސް ޔާމީން ގިނިކަންޏާ 41 ޕަސަންޓު ހޯއްދެވުމަކީ ކާމިޔާބެއް: ޕީޕީއެމް

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސުލްޖުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 41 ޕަސަންޓު ވޯޓު ހޯދި ކަމަށާއި، އެ ވޯޓު ހޯދީ ގިނިކަންޏާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގާސިމް އިބްރާހީމް މަސައްކަތް ކުރައްވަނީ އެމްޑީޕޕީއާ ގުޅިގެން އެކުގައި ކަމަށެވެ. އެހެން ކަމުން އެފަރާތްތަކާ ވާދަކޮށް ރައީސް ޔާމީން ގިނިކަންޏާ 41 ޕަސަންޓު ވޯޓު ހޯއްދެވުމަކީ، މެޖޯރިޓީ ނުލިބުނު ކަމުގައި ވިޔަސް ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް 45 ޕަސަންޓު ވޯޓު ލިބުމަކީ އެކަމާ މާ ބޮޑަށް އުފާ ފާޅުކުރަންވީ ކަމެއް ނޫން ކަމަށެވެ.

"ރައީސް ޔާމީން ފިޔަވައި ދެން ތިބި ބޭފުޅުންނަށް 45 ޕަސަންޓު ލިބިވަޑައިގެން މާ ބޮޑު އުފާ ފާޅުކުރުމެއް އޭގަ އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ހަލީލުގެ ވާހަކަފުޅުގައި މާލެއިން އެއްވެސް ގޮނޑިއެއް ސަރުކާރަށް ނުލިބުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެއިން ވޯޓުލާން ނުކުތީ އެންމެ 40 ޕަސަންޓު މީހުން ކަމަށާއި، އެ ގޮތަށް އެކަން ދިމާވީ މާލޭ ސިޓީ ކައުންސިލަށް ރައްޔިތުން އިތުބާރު ނުކުރާތީ ކަމަށެވެ.

"މާލޭގެ ވޯޓުލީ ނިސްބަތަށް ބަލައިފިއްޔާ އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ ގާތްގަނޑަކަށް ސާޅީހަކަށް ޕަސަންޓު މީހުން މި ވޯޓުލާން ނުކުތީ. އެހެންވީމަ މީގެން އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވުނީ ރައްޔިތުންގެ އިތުރުބާރު ކައުންސިލާ ދޭތެރެއަކު ނެތްކަން،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ އިތުބާރު އޮތީ ކައުންސިލަށް ނޫން ކަމަށާއި، ސަރުކާރުން ކުރާ މަސައްކަތަށް ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުން ރައްޔިތުން ކައުންސިލާ ދޭތެރޭގައި އިތުބާރު ނެތްކަމަށް ނުސީދާ ގޮތެއްގައި ރައްޔިތުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، އަމިއްލަ ގޮތުން ކައުންސިލަށް ވާދަކޮށް ހޮވުނު ކެނޑިޑޭޓުން ރައީސް ޔާމީނަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ގެންދަވާ ކަމަށާއި، އަދި ޕީޕީއެމާ ގުޅުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިނިވަން ގިނަ ކެންޑިޑޭޓުން ޕީޕީއެމާ ގުޅޭ މަންޒަރު އަވަސް މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

comment ކޮމެންޓް