ނަޑެއްލާ އާއި ތ. އޮމަދޫގެ ބައެއް ގެތަކަށް ވަނީ ފެން ވަދެފައި: ޑިޒާސްޓާ

ރޭ އެރި ނަގޫރޯޅިއެއްގައި އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލާފައި ---- ފޮޓޯ: އައްޑޫ ލައިވް

ގދ. ނަޑެއްލާ އާއި ތ. އޮމަދޫގައި ފެންބޮޑުވެ ގެތަކަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ސޮފީނާޒް ހުސައިން މިއަދު ސަން އަށް ވިދާޅުވީ ފެން ވަނުމުގެ ސަބަބުން އެ ދެ ރަށުގެ ގެތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ޭއޭނާ ވިދާޅުވީ ނަޑެއްލާގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

"ތ. އޮމަދޫގެ ފަސް ގެއަކަށް ފެންވަދެފައިވާ ކަމުގެ ރިޕޯޓު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. ނަމަވެސް މާ ބޮޑު ގެއްލުމެއް ނުވޭ. ދެން ނަޑެއްލާގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އިން އަންނަނީ ކުރަމުން،" ސޮފީނާޒް ވިދާޅުވިއެވެ.

ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫއަށް ކަމަށާއި އެ ރަށުގެ 12 ގެއެއްގެ ފުރާޅުގެ ޓިނު އެއްލާލާފައިވާ ކަމަށް ސިފީނާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އެ ގެތަކުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެގެތަކުގެ މީހުން ބަދަލުކޮށްފައި ވަނީ އާއިލީގޮތުން ގާތް ގުޅުން އޮންނަ ގެތަކަށް ކަމަށެވެ.

އެގެތަކުގައި ފުރާޅު އެޅުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ ދުވަހަށް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިވާތީ އެއްވެސް ރަށެއްގައި ކަމެއް ހިނގާތޯ އެ ސެންޓަރުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް