އުފަންވިއިރު ހިތް އޮތީ ބޭރުގައި

ނީރާ: އުފަންވިއިރުވެސް ހިތް ބޭރުގައިވާ އެކުއްޖާއަށް ދީލަތި އެހީއަކަށް އެދޭ-- ސަން ފޮޓޯ

ޒުވާން ދެމަފިރިން ކަމަށްވާ ގދ.މަޑަވެލި، ފެކްޓްރީ، މޫމިން ޔޫސުފް އާއި އައިޝަތު ޝާހީ،21، ގެ އަލަތު ދަރިފުޅު މިމަހު 11 ވަނަ ދުވަހު ދުނިޔެއަށް އުފަންވުވާއެކު އެއާއިލާއަށް ވަނީ ކުއްލި ހައިރާންކަމެއް ލިބިގެންގޮސްފައެވެ. އަލަތު ދަރިފުޅުގެ ހިތް އޮތީ ބޭރަށް ނުކުމެފައިވާތީއެވެ. އުފަންވިތާ އަށް ދުވަސްވެފައިވާ "ނީރާ ބިންތި މޫމިން" ގެ ހާލަކީ އެއީއެވެ.

ވަރަށް މަދުން ފެންނަ ޖެނެޓިކް މައްސަލައެއްް ކަމަށްވާ ހަށިގަނޑުގެ މުހިންމުގުނަވަނެއް ހަށިގަނޑުގެ ބޭރުގައި އުފެދުމުގެ މައްސަލަ ނީރާއަށް ވަނީ ކުރިމަތިވެފައެވެ. އޭނާގެ ހަށިގަނޑުގެ ބޭރުގައި އުފެދިފައިމިވަނީ އެންމެ މުހިންމު އެއް ގުނަވަންކަމަށްވާ ހިތެވެ. އޭގެ ސަބަބުން އުފެދުމުގައި ހިތުގައި އެތައް މައްސަލަތަކެއް ހުރެއެވެ.

ވިހެއުމުގެ ކުރިން ޑޮކްޓަރުންބުނީ ރަނގަޅޭ: އާއިލާ

ނީރާގެ މާމަ ޝަރީފާ މޫސާ ސަން އަށް މައުލޫމާތު ތިން ގޮތުގައި އޭނާގެ ދަރިފުޅު ބަނޑު ބޮޑުވުމާއެކުހެން ދިޔައީ ގދ. ތިނަދޫ ހޮސްޕިޓަލަށް ދައްކައި ފަރުވާހޯދަމުންނެވެ. އަދި ބަނޑަށް އަށް މަހުން ފެށިގެން މާލެ އައިސް އައިޖީއެމްއެޗްގައި ރަޖިސްޓްރީވެގެން ޑޮކްޓަރަށް ދައްކަމުން ދިޔައިރު ތިން ސުކޫނެއްވެސް ހެދި ކަމަށާއި ޑޮކްޓަރުން ބުނަމުންދިޔައީ ބަނޑުގައި އޮތް ކުއްޖާ ރަނގަޅު ކަމަށެވެ.

"ބޭބީ ރަނގަޅޭ، މައްސަލައެއް ނޫޅޭ ބުނީ، ސުވާލު ކުރުމުންވެސް ބުނީ މައްސަލައެއްނެތޭ، ބޭބީގެ ހާޓްބީޓްވެސް ރަނގަޅޭ ހުރިހާ ކަމެއްވެސް ރަނގަޅޭ، ތިން ސްކޭން ހެދި" ޝަރީފާ ބުންޏެވެ.

މިމަހު އެގާރަ ވަނަ ދުވަހު ޝާހީ ވިހެއުމަށްފަހުވެސް ފުރަތަމަ އާއިލާއަށް މައުލޫމާތު ލިބުނީ ހުރިހާ ކަމެއް ރަނގަޅު ކަމުގެ މައުލޫމާތު ކަމަށް ޝަރީފާ ބުންޏެވެ. ނަމަވެސް ކުއްލިއަކަށް އާއިލާ މެމްބަރުން ކުއްޖާބެލުމަށް އަންނަން ބުނެ ކުއްޖާދެއްކިއިރު ފެނިގެންދިޔައީ ހިތްދަތި މަންޒަރެކެވެ.

"ފަހުން ބުނީ ބޭބީގައި އައިބެއް އެބައޮތޭ، އަޅުގަނޑު ވަތްއިރު މޫމިން{ކުއްޖާގެ ބައްޕަ} ވެއްޓިގެން އުޅޭ، އަޅުގަނޑަށް ދެއްކުމާއެކު ބިންމައްޗަށް ތިރިވީ، ދަރިފުޅު ހިތް އޮތީ ބޭރަށް ނުކުމެ،" ޝަރީފާ ބުންޏެވެ.

މިހާރުވީ އިންޑިއާގަ:

ނީރާގެ ބައްޔަށް ރާއްޖެއިން ދެވޭނެ ފަރުވާއެއްނެތެވެ. އާސަންދައިން ވަނީ ނީރާއަށާއި އޭނާގެ ބެލިވެރިއެއްގެ ޓިކެޓާއެކު އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ފޮނުވާފައެވެ. ޑޮކްޓަރަކާއި ނަރުހެއް ގެންދަން ޖެހުނުއިރު އަމިއްލައިން ބޮޑު ހޭދައެއް ކުރަން ޖެހުނެވެ. އެންސްޕާއިން ވެސް ލިބުނީ 150 ޑޮލަރުގެ އެހީތެރިކަމެއް ކަމަށް އާއިލާއިން ބުނެއެވެ.

އެފަދަ ބައްޔަކުން އަރައިގަތުމަށް ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހެއެވެ. އަދި އެއީ ބޮޑު ހޭދައެއް ހިނގާނެ ކަމެކެވެ. އެތުއްތު ކުއްޖާގެ ހައްގުގައި އެއާއިލާއިން ދީލަތި އެހީތެރިކަމަށްއެދެއެވެ.

"އަޅުގަނޑުމެން އެކި ގޮތްގޮތުން މިމަސައްކަތްކުރަނީ އެހީތެރިކަމެއްލިބޭތޯ، ޑޮކްޓަރުން އަޅުގަނޑުމެން ކައިރިވިދާޅުވޭ ވަރަށް ބޮޑު ހޭދައެއް ދާނެ ކަމަށް، އަޅުގަނޑުމެން އެދެނީ އެހީތެރިކަމަކަށް،" ޝަރީފާ ބުންެޏެވެ.

ނީރާއަށް އެހީތެރިވުމަށް

ސަރީފާ މޫސާ:9118960

އެކައުންޓް:

7710531838101 މޫމިން ޔޫސުފް

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް